ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން ކަމަށްވާ ޏ. ފުވައްމުލަކު، ފުނާޑު، ނޫޑަލްހީ އަސްރާ ނައީމަށް، ގެވެށި އަނިޔާ ދިން ކަމަށް ބުނާ މައްސަލައިގައި އީސަގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާކޮށްފައިވަނީ 03 ޖޫން 2021 ގައެވެ.
ދައުލަތުން އީސަގެ މައްޗަށް ކުރި ދައުވާގައި ބަޔާންކޮށްފައިވަނީ 19 މެއި 2021 ގެ 1:30 އެހާކަންހާއިރު މާލެ، ހ. ޝޭޑީލޮޖް ގޭގެ ނުވަވަނަ ފަންގިފިލާގައި އީސައާއި އަސްރާ ދިރިއުޅޭ އެޕާޓްމެންޓުގައި، އެ ދުވަހު ހިނގި ދެބަސްވުމެއްގައި، އީސަ ވަނީ އަތުންނާއި ފައިން އަސްރާގެ ވައަތު ކޮނޑުމަތިން ފެށިން ގައިގެ އެކި ތަންތަނުގައި ޖަހައި އަނިޔާކޮށްފައި ކަމަށެވެ. އީސަ، އަސްރާގެ ގައިގައި ޖަހައި އަނިޔާކުރުމުގެ ސަބަބުން، އަސްރާއަށް އަނިޔާވެފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން އެނގޭކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން އީސާ ވިދާޅުވެފައިވަނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި އެއްވެސް ތާރީހެއްގައި މާރާމާރީއެއް ނުވަތަ މާރާމާރީއަކަށްވެދާނެ އެހެން ބާވަތެއްވިޔަސް ހަރުކަށި މުއާމަލާތްކުރުން ފަދަ އެ ބާވާތުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
އީސަ ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ދައުވާ ސާބިތުކުރަން ހެކި ހުށަހަޅައިފައެވެ. އެ ހެކިތަކަށް ވަޒަންކުރުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރާޝިދު ވިދާޅުވީ ޝަރީއަތަށް ހުށަހަޅައިފައިވާ އަސްރާގެ މެޑިކޯ ލީގަލް ރިޕޯޓަށާއި، އެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ބަހަށާއި، ކްރައިމް ސީން އޮފިސަރުގެ ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ބަހަށް ބަލާ އިރު، ހާދިސާ ހިނގިކަމަށް ބުނާ ރޭގައި އަސްރާގެ ބައެއް ތަންތަނަށް އެކިބާވަތުގެ އަނިޔާ ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ.
އަސްރާއަށް އަނިޔާ ލިބިފައިވަނީ، އީސަ އޭނާއާ މެދު މާރާމާރީ ހިންގުމުގެ ސަބަބުންތޯ ނުވަތަ އެހެން ކަމަކުންތޯ ޝަރީއަތުން ބަލައި ވަޒަންކުރި އިރު، އެކަމުގެ މައްޗަށް އޮތީ އަސްރާ ތަހުގީގަށް ދީފައި އޮންނަ ބަޔާނަކާއި، އަސްރާ އެ ވާހަކަ ހިއްސާކުރިކަމަށް ޝަރީއަތުގައި ހެކިބަސްދީފައިވާ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތާއި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އިތުރުން ސީނަށް ހާޒިރުވި ފުލުހަކު، އަސްރާ ކިޔައިދިންކަމަށް ބުނާ ބަހެއް ކަމަށް ގާޒީ ވިދާޅުވިއެވެ.
"މި ދެންނެވުނު ތިން ފަރާތަކީވެސް އަސްރާ ނަސީމްއާ ހަވާލާދީ ވާހަކަދައްކާ ތިން ފަރާތެވެ. އަސްރާ ނަސީމް ވަކި ކަމެއް ވަކި ގޮތަކަށް ހިނގިކަމަށް ބުނެ އެ ތިން ފަރާތުން ބުނާ ބުނުމެކެވެ..،" ގާޒީ ވިދާޅުވިއެވެ.
ދައުލަތުންވެސް ފާހަގަކޮށްފައިވާ ފަދައިން، އީސަ ތަހުގީގާއި، ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރާ އެއް ކަމަކީ އީސަ ބޭރަށްދާން އުޅުމުން އެކަމަށް އަސްރާ ހުރަސްއެޅުމަށް މަސައްކަތްކޮށްފައިވާކަން ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެގޮތުން އީސަގެ ގައިގައި ބާރަށް ހިފަހައްޓައި، ބޭރަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށާއި މި މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފޫޓޭޖުންވެސް އެ ވާހަކަތަކަށް ބާރުދޭ ކަންތައްތަކެއް ފާހަގަކުރެވޭކަމަށް ގާޒީ ވިދާޅުވިއެވެ.
ހާދިސާގައި ހިނގާދިޔަ ދެބަސްވުމާއި ހާދިސާ ހިނގިތަނުގައި ހާޒިރުވެ ތިބި ދެ ފަރާތުން ހާދިސާ ސިފަކުރާ ގޮތް ތަފާތުކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން އަސްރާ ބުނަނީ އީސަ އޭނާއާ މެދު އަނިޔާކޮށް މާރާމާރީ ހިންގި ކަމަށާއި އީސަ ބުނަނީ ބޭރަށްދާން އުޅުމުުން އެކަން ހުއްޓުވަން އަސްރާ މަސައްކަތްކުރީ ގައިގެ އެކި ތަންތަނުގައި ހިފަހައްޓައި ދަމާ ބާވަތުގެ ގޮތަކަށް ކަމަށެވެ. އެކަންކަން އެހެން ހިނގައިދިޔައިރު އަސްރާއަށް އަނިޔާއެއް ލިބުނުކަމެއް ނުވަތަ ނުލިބޭނެކަމެއް ދަންނަވަން ނޭނގޭ ކަމަށް އީސަ ވިދާޅުވެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މި ހާދިސާގައި އިތުރަށް އެތަނުގައި ހާޒިރުވެ ހުރި ފަރާތެއްގެ ގޮތުގައި ތަހުގީގަށް ދެނެގަނެވިފައިވަނީ ތަސައްރަފު ފުދިފައިވާ އެންމެ ފަރާތެއް ކަމަށެވެ. އެއީ އެ ގޭގެ މެއިޑުގެ ގޮތުގައި އޭރު ދިރިއުޅެމުންދިޔަ ސީތާ ޓަމަން ކިޔާ ނޭޕާލް މީހެއްކަމަށް ގާޒީ ވިދާޅުވިއެވެ. އޭނާ ޝަރީއަތަށް ހާޒިރުކުރަން މަސައްކަތް ކުރެވުނު ނަމަވެސް ހާޒިރުކުރެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
"މީނާ ތަހުގީގަށް ދިން ބަޔާން ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާހިނދު، ސީތާ ޓަމަންގެ ތަހުގީގު ބަޔާން ހެކީގެ ގޮތުގައި ހުށަހެޅުމަށްފަހު ސީތާ ޓަމަންގެ ތަހުގީގު ބަޔާން ހެކި ލިސްޓުގައި ހިމަނާފައިނުވަނީ ކީއްވެކަން އެނގެން ނެތެވެ. މީގެ އިތުރުން ސީތާ ޓަމަންއަކީ ހިންދީ ބަސް އެނގޭ ފަރާތެއް ނޫންކަމަށް އަހުމަދު އީސަ ޝަރީއަތުގައި ފާހަގަކުރާ ކުރުމާ ގުޅިގެން ދައުލަތުން ބުނަނީ، އޭނާގެ ތަހުގީގު ބަޔާނުގައި އޭނާއަށް ހިންދީ ބަސް އެނގޭކަމަށް ބުނެ އޭނާ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ބަޔާނަކީ ދިވެހި ބަހުން އޮތް ބަޔާނެކެވެ. އެހެންކަމާއެކު އޭނާއާ ތަހުގީގުން ސުވާލުކޮށް، އޭނާގެ ބަޔާން ދިވެހި ބަހުން ނަގާފައިވަނީ ހަގީގަތުގައިވެސް އޭނާއަށް އެނގޭ ބަހަކުން ތަރުޖަމާ ކޮށްގެންކަން ނުވަތަ ނޫންކަމާމެދު ދިފާއުން ސުވާލު އުފައްދާއިރު އެކަން ކަށަވަރުކުރެެވެން އޮތީ ސީތާ ޓަމަން ޝަރީއަތަށް ހާޒިރުކޮށް ސުވާލުކޮށްގެންނެވެ. ދައުލަތުން މައްސަލަ ސާބިތުކުރުމަށް ސީތާ ޓަމަން ތަހުގީގަށް ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިނުވެއެވެ. އޭގެ ބަދަލުގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ސީތާ ޓަމަންއެވެ" ގާޒީ ވިދާޅުވިއެވެ.
ސީތާ ޓަމަން ތަހުގީގަށް ދިން ބަޔާނުގައި ބަޔާންކޮށްފައިވަނީ އީސަ، އަސްރާގެ ގައިގައި ޖެހިތަން އެ ރޭ ފެނުނު ކަމަށާއި މީގެ ކުރިންވެސް އަސްރާއާއި އީސައާ ދެމެދު ޒުވާބުކޮށް އަޑުގަދަކުރާ ކަމަށެވެ.
ސައިިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓު ތައްޔާރުކުރި ފަރާތާއިި މެޑީކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތް، ސީނަށް އެޓެންޑުވި ފުލުހެއް ކަމަށްވާ އަހުމަދު ޝިރުހާންގެ ހެކިބަހުގައި އަސްރާ ކިޔައިންދިންކަމަށް ބުނި ވާހަކަތަކަކީ އަސްރާގެ ބަހަށް އިތުރު ކަށަވަރުކަމެއް ގެނެވޭނެ ކަންތައްތަކެއްތޯ ބަލާއިރު އެ ތިން ފަރާތުގެ ބުނުންތަކުގައި އީސައަށް ތުހުމަތު ރައްދުވާ ގޮތަށް ހުރި ހުރިހާ ކަމެއް ގޮސް ގުޅެނީ އަސްރާ ބުނާ ބުނުންތަކާ ކަމަށް ގާޒީ ވިދާޅުވިއެވެ.
އަސްރާ ވަނީ ތަހުގީގަށް ދެ ބަޔާނެއް ދީފައި ކަމަށާއި ފުރަތަމަ ބަޔާންދިނީ 19 މެއި 2021 ގައި ކަމަށާއި ދެވަނަ ބަޔާން ދިނީ 30 މެއި 2021 ގައި ކަމަށް ގާޒީ ވިދާޅުވިއެވެ. ފުރަތަމަ ބަޔާނުގައި އަސްރާ ވަނީ ދައުވާގައި ބުނާ ހާދިސާގައި ކަންހިނގާދިޔަ ގޮތް ކަމަށްބުނެ އަނިޔާ ލިބިފައިވަނީ އީސަގެ ފަރާތުން ކަމަށް ބުނެފައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އަސްރާ ދެވަނައަށް ދިން ބަޔާނުގައި "2021 މޭ 26 ވަނަ ދުވަހު ތަހުގީގުން ބޭނުންވެގެން ހާޒިރުވެ ބަޔާނެއް ދިނުމުގެ ގޮތުން އޯޑިއޯ ރިކޯޑިންއެއް ހަދާފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ އޯޑިއޯ ރިކޯޑިން ބަޔާން މި މައްސަލާގައި ހިމަނަން ބޭނުންނުވާތީ އެ ބަޔާނުގެ ލިޔުމުގައި ސޮއިކުރުމަށް ބޭނުންނުވާ ކަމަށް އަސްރާ ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
"އަސްރާ ނަސީމް ތަހުގީގަށް އެންމެ ފަހުން ހާޒިރުވިކަމަށް އެނގެން އޮތް ތާރީހަކީ 30 މޭ ކަމަށްވާއިރު އެ ދުވަހު ސޮއިކޮށްފައިވާ ތަހުގީގު ބަޔާނުގައި ކުރިން ދިން ބަޔާނެއްގައި ސޮއިކުރަން މިހާރު ބޭނުންނުވާކަމަށް ބުނާ އިރު، ޖުމްލަ ދެ ބަޔާނެއް ދައުލަތުން ހުށަހަޅާ އިރު، ދެ ބަޔާނުގައިވެސް އަސްރާ ނަސީމްގެ ސޮއި އޮންނަ އޮތުމުން، ތަހުގީގުގައި އަސްރާ ނަސީމްގެ ބަޔާން ނެގުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް މުޅިއަކުން ސާފެއް ނުވެއެވެ. އަދި ދައުލަތުގެ ފަރާތުން ރިއާޔަތް ކޮށްދިނުމަށް އެދޭ އަސްރާ ނަސީމުގެ ތަހުގީގު ބަޔާނުގައި އޮތީ އޭނާގެ ސޮޔާއި އިނގިލީގެ ނިޝާންކަމާ މެެދު ވެސް މިކަންކަމުން ސުވާލު އުފެދިގެންދާ އިރު، އެކަން ކަށަވަރުކުރުމަށް ދެވަނަ ބަޔާނުގައި ހަވާލާދޭ އިންޓަވިއުގެ އޯޑިއޯ ރިކޯޑިން ޝަރީއަތަށް ހުށަހަޅާފައިނުވާތީ އެކަން ކަށަވަރުކުރެވިފައި ނުވެއެވެ..،" ގާޒީ ވިދާޅުވިއެވެ.
އެހެންވެ ހަގީގަތުގައިވެސް ފުލުހުންގެ ތަހުގީގެއްގައި ދައުވާގެ ސަބަބުގައި ބަޔާންކުރާ ގޮތަށް އަސްރާއަށް، އީސަ އަނިޔާކުރިކަމަށް އަސްރާ ބުނެފައިވާކަމާ މެެދު ސުވާލު އުފެދޭ ކަމަށް ގާޒީ ވިދާޅުވިއެވެ. ސައިކޮލޮޖިކަލް ރިޕޯޓު، މެޑިކޯ ލީގަލް ރިޕޯޓު އަދި ސީނަށް އެޓެންޑުވި ފުލުހަކު ހެކިބަސްދެމުން އެ ތިން ފަރާތަށް އަސްރާ ހިއްސާކުރި ވާހަކަތަކުގައި އީސަ، އޭނާއަށް އަނިޔާކުރިކަމަށް ބުނެ ވާހަކަތަކެއް ކިޔައިންދިކަމަށް ބުނެފައިވާތީ، އެ ތިން ފަރާތުގެ ބަހަށް ބަލައި، އަސްރާ އެފަދަ ވާހަކަތަކެއް އޭރު ދެއްކި ކަމަށް ބެލެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ނަމަވެސް އެގޮތަށް އަސްރާ އެކި މީހުންގެ ގާތުގައި ވާހަކަދައްކާފައިވަނީ އެއީ ކަންހިނގާދިޔަ ގޮތަށް ހަގީގަތަށް ދެއްކި ވާހަކަތަކެއްތޯ ނޫންތޯ ވަޒަންކުރާ އިރު، "އަސްރާ ތަހުގީގަށް ދިން ބަޔާންތަކާ މެދު އިސްވެ ދެންނެވި ކަންކަން ފާހަގަކުރެވޭ އިރު، އެކަންކަން އިތުރަށް ކަށަވަރުކުރުމަކާ ނުލައި ޝަރީއަތުގެ ކުރިމަތީގައި މިއޮތް ދައުވާގެ ސަބަބުގައި ބަޔާންކުރާ ވާގިއާ އެގޮތުގެ މައްޗަށް ސާބިތުކުރުމަށް ޝަރީއަތް އިއުތިރާޒުކުރޭ،" ގާޒީ ވިދާޅުވިއެވެ.
"އަހުމަދު އީސަގެ މައްޗަށް ދައުވާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ސާބިތުކުރުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވާ ހެކީގެ މިންގަނޑު ދަށްކުރެވިފައިވާ ހާއްސަ ގާނުނެއްގެ ދަށަކުން ނޫނެވެ" ގާޒީ ވިދާޅުވިއެވެ.
އަސްރާގެ ބުނުމެއްގެ މައްޗަށް އެގޮތަށް ބުނިކަމަށް ބުނެ އެއްވެސް ފަރާތަކުން ދޭ ހެކިބަހެއް އެއީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ ހެކިތަކެއްނޫން ކަމަށް ގާޒީ ވިދާޅުވިއެވެ.
"މި މައްސަލާގައި އަސްރާ ނަސީމް ހިމެނޭ ގޮތުން ބައެއް ހެކިން ޝަރީއަތަށް ހާޒިރުކުރުމަށް ތަކުރާރުކޮށް ކުރި މަސައްކަތުން، ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވެފައިނުވެއެވެ،" ގާޒީ ވިދާޅުވިއެވެ.
އެ ހުރިހާ ކަމެއް ފާހަގަކުރެއްވުމަށްފަހު ގާޒީ ހުކުމްކުރެއްވީ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ ހެކި ލިބިފައިނުވާތީ، އީސަގެ މައްޗަށް ދައުލަތުން ކުރި އަނިޔާއެއް ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.
މުހައްމަދު އިޝާން
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ