އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދޭ ހާއްސަ ޔުނިޓެއް ގާއިމުކޮށް، ފްލޫ ކްލިނިކެއްގެ ހިދުމަތްވެސް ދޭން ފަށައިފިއެވެ.

އޭޑީކޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކަށް ހިދުމަތް ދިނުމަށް ޓްރީޓްމެންޓް ޔުނިޓެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ހިދުމަތްދޭން ފަށާނެ ކަމަށްވެސް ބުންޏެވެ.

އޭޑީކޭއިން ބުނި ގޮތުގައި ކޮވިޑަށް ފަރުވާދޭ ޔުނިޓުން ހައި ރިސްކް މީހުންގެ މެޑިކަލް އެސެސްމެންޓް ހެދުމާއި ތެލަސީމިއާ އާއި އެހެނިހެން ފަރާތްތަކަށް ލޭ އަޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި މާބަނޑު ފަރާތްތަކަށް އެފްއެޗްއެސް އަދި އެންއެސްޓީ ހިދުމަތް ދިނުމުގެ އިތުރުން އެކި ކަހަލަ ޒަހަމުތަކަށް ފަރުވާ ދިނުމާއި ލޭގެ ޓެސްޓް ހެދުން ފަދަ ހިދުމަތްތައް ދެވިގެންދާނެ ކަމަށެވެ.

ކޮވިޑަށް ފަރުވާދޭ ސެންޓަރު ހުންނާނީ އޭޑީކޭ ހޮސްޕިޓަލުގެ ޑރ. ޕަންޑިއަން ވިންގް ގައެވެ. މި ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00އާ ހަމައަށެވެ. ނަމަވެސް ހުކުރު ދުވަހާއި ރަސްމީ ބަންދު ދުވަސްތަކުގައި އެ ޔުނިޓު ބަންދުވާނެއެވެ.

އޭޑީކޭގެ ފްލޫ ކްލިނިކް މިއަދު ވަނީ ހުޅުވައިފައެވެ. ފުލޫ ކްލިނިކް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.

އޭޑީކޭއިން ބުނީ ފްލޫ ކްލިނިކުން ހިދުމަތް ދޭނީ ހުން އައިސް ކެއްސައި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކަށާއި ރަހަނުލުމާއި ވަސް ނުދުވާ ފަރާތްތަކަށާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތަކާ ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އޭޑީކޭގައި ފުލޫ ކްލިނިކެއް ހުޅުވައި ހިދުމަތްދޭން ފަށާފައިވާ އިރު، މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުންދާތީ، އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ވެފައިވާ އަމިއްލަ ހޮސްޕިޓަލުތަކުންނާއި ޕްރައިވެޓް ކުލިނިކުތަކުން ފުލޫ ކުލިނިކު ހިންގުމަށް ހުއްދަދިނުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.