ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 120 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 57 އަހަރުގެ ދިވެހި އަންހެނަކު މިރޭ ވަނީ މަރުވެފައެވެ. މިއީ ބަލީގައި މިއަދު މަރުވި ހަތަރުވަނަ މީހާއެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 47 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 120 މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 13 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.