މާލެއަކީ އަންޒަމާނުައްސުރެ ދިވެހިރާއްޖޭގެ ވެރިކަންކުރަމުން އަންނަ ރަށެވެ. އަބަދުވެސް ބޭރާއި އެތެރޭގެ މީހުން ޖަމާވެއުޅޭ މައިރަށެވެ. ހުރިހާ ޒަމާނެއްގައިވެސް ނިސްބަތުން އެންމެ އާބާދީ ބޮޑު ރަށެވެ. އެންމެ ބޮޑަށް "ތޮއްޖެހިފައި" އޮތް ރަށެވެ. 1921 ގެ ބޯހިމެނުމުގައި މާލޭގައި 6127 މީހުން އުޅުނުކަމަށް އޮވެއެވެ. އެދުވަސްވަރު ރާއްޖެ ދުރުވި އެޗް.ސީ.ޕީ. ބެލް އޭނާގެ މޮނޮގްރާފްގައި ލިޔުއްވާފައިވާ ގޮތުން އޭރުވެސް މާލެއަކީ ތޮއްޖެހިފައިވާ ރަށެކެވެ. އެހެންކަމުން ދުނިޔޭގެ އެތަން މިތަނުން މާލެއަށް ބަލިތައް ފެތުރި އާއްމު ވަބާއަކަށް ވުމުގެ ފުރުސަތު އަބަދުވެސް އޮވެއެވެ
މީލާދުން 1947 ވަނަ އަހަރުގެ ޖޫން މަހުން 23 ވަނައަށް ވީ ހޯމަ ދުވަހު މާލެއަށް އަލިވިލުނީ ރޯގާގެ ތޫފާނަކާ އެކީގައެވެ. އޭރު މާލޭގެ އާބާދީގައި އަށްހާހެއްހާ މީހުން އުޅުނެވެ އެދުވަހު ރަށުގެ ގިނަ ބަޔަކަށް ހޭލެވުނީ ރޯގާއެއްގެ އަލާމާތްތަކާ އެކުގައެވެ. ހުންއައުމާއި ބޮލުގައި ރިއްސުމާއި ކަށީގައި ރިހުން ފަދަ ތަފާތު އެކި އަލާމާތްތަކާ އެކުގައެވެ. އެ ރޯގާއަކީ އިންފުލުއެންޒާއޭ ކިޔޭ ބާވަތުގެ ރޯގާއެކެވެ. އެއީ ވިހި ވަނަ ގަރުނުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ތަހައްމަލުކުރަންޖެހުނު މިފަދަ ދެވަނަ ބޮޑުރޯގާއެވެ.
ވިހިވަނަ ގަރުނުގެ ތެރޭގައި މާލެއަށް ކުރިމަތިވި ފުރަތަމަ ބޮޑުރޯގާއަކީ އައްސުލްތާނު މުހައްމަދު ޝަމްސުއްދީން (3) ގެ ރަސްކަމުގައި 1922 ވަނަ އަހަރުގެ ނޮވެންބަރު 19 ވަނަ ދުވަހު ފެތުރެންފެށި ބޮޑުރޯގާއެވެ. މިރޯގާގެ ކަންތައް ބޮޑުވެ ބަލީގައި އެތައް ބަޔަކު މަރުވެސްވިޔެއެވެ. މީރުބަހުރު މުހައްމަދު އިސްމާއީލްދީދީ ލިޔުއްވާފައިވާ ގޮތުން ހިޖުރައިން 1341 ގެ ރަބީއުލްއައްވަލު މަހުގެ ފަހު ދިހައިގެ ތެރޭގައި އިންފުލުއެންޒާގެ ވަބާ ވަރަށް ހަލުވި ދުވެއްޔެއްގައި މުޅި ރާއްޖެއަށް ފެތުރިގެން ދިޔައެވެ. އަދި އޭނާ ލިޔުއްވާފައިވާ ގޮތުން އެރޯގާއަކީ ދިވެހިރާއްޖޭގެ ލިޔެވިފައިވާ ތާރީހުގައި އެހާތަނަށް ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ވަބާއެވެ.
1922 ގައި ފެތުރުނު އިންފުލުއެންޒާގެ މިބޮޑުރޯގާގައި ދެމަހެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި މާލެއިން އެކަނިވެސް 400 އެއްހާ މީހުން މަރުވިއެވެ. އޭރު މާލޭގައި ދިރިއުޅުނީވެސް ހަޔެއްކަހާސް މީހުންނެވެ. ހަޔެއްކަހާސް މީހުންގެ އާބާދީއަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު ވަރަށް ގިނައެވެ. ރަބީއުލްއައްވަލް މަހުގެ ފަހުދިހައިގައި މި ރޯގާ ފެތުރެން ފެށުމަށް ފަހު ރަބީއުލްއާޚިރު މަހުގެ ފުރަތަމަ ދިހައެއް ފަހަނައެޅިއިރު ކޮންމެ ދުވަހަކު ތިންހަތަރު މީހުން މަރުވަމުން ދިޔައެވެ. އަދި ބައެއް ދުވަސް ދުވަހު ދިހަބާރަ މީހުންވެސް މަރުވިއެވެ. މިކަމުގެ ސަބަބުން މާލޭގެ މަދު ގޯއްޗެއްގައި މެނުވީ ތެދުވެ ހެލިފެލިވެ އުޅެވޭ ވަރުގެ މީހަކުވެސް ނެތި ދިޔައެވެ. ކިރިޔާވެސް ހެލިފެލިވެ އުޅޭ މީހަކުވެއްޖެއްޔާ ދިޔައީ ބަލިމީހުންނަށް އެހީތެރިވަމުންނެވެ. މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ޖަމާއަތްތެރީންގެ މީހުން ނެތިގެން ކޮންމެ އަވަށަކުންވެސް ދަރުމައަށް މަސައްކަތްކުރާނެ ބަޔަކު ނުކުމެ އެކަންތައްތައް ކުރަމުންދާންޖެހުނެވެ. އަދި މީހުން މަދުވެގެން ބައެއް މައްޔިތުން ވަޅުނުލެވި 24 ގަޑިއިރަށްވުރެ ގިނައިރު ބާއްވަންވެސް ޖެހުނެވެ.
ވިހިވަނަ ގަރުނުގެ ބޮޑުރޯގާ ކުރިމަތިވި ދުވަސްވަރަކީ ދިވެހިރާއްޖޭގައި ބޭސްފަރުވާގެ ކަންތައްތައް އެންމެ ރަނގަޅަށް އިންތިޒާމުވެފައި އޮތް ޒަމާނެއް ނޫނެވެ. ދިވެހީންނަށް އެދުވަސްވަރުގެ ޒަމާނީ ބޭސްފަރުވާގެ އެއްވެސް މިންވަރެއް ލިބިފައެއްނުވެއެވެ. އެހެންކަމުން އެދުވަސްވަރުގެ ހާލަތާއި އަދި އެދުވަސްވަރުގެ ގަބޫލުކުރުންތަކާ އެއްގޮތަށް އެކަމަށް ކުރި ފަރުވާއަކީ ދިވެހި ބޭހުން ދެވެން ހުރި ފަރުވާއާއި ފަންޑިތައިގެ ފަރުވާއެވެ. މިގޮތުން ރަށުތެރޭގައި ބޮޑުދުމާހިނގުމާއި ދަމުހިނގުމާއި ރަށްދިހަމޮހުން ފަދަ ކަންތައްތައްކުރެވުނެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ބަލިމީހުންނަށް ފާރޮއްޓާއި، ހަކުރާއި، ސާގުފަދަ ކާބޯތަކެތި ފޯރުކޮށްދިނެވެ.
އިސްވެ މިދެންނެވުނު ކަންތައްތަކުގެ ތެރެއިން ބޮޑުދުމާހިނގުމާއި ދަމުހިނގުމާއި ރަށްދިހަމޮހުން ފަދަ ކަންކަމަކީ މިޒަމާނުގެ ގިނަ ބަޔަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. ބޮޑުދުމާހިނގުމަކީ ނުވަތަ ބޮޑުދުމާދިޔުމަކީ އިހުގައި މާލޭގައި ހުރި ބޮޑުދުންދޭ ޒިޔާރަތްތަކާއި މަގާމުތަކަށް ދުންމުޖުމަރާ ހިފައިގެން ދުއާވެރިކަން ކިޔަވަން ދިޔުމެވެ. މިތަނުގައި މިބުނާ ދުންމުޖުމަރާއަކީ އަލިފާން އަޅައިގެން މާވަހަރާއި ކުމުންޒާނި ފަދަ ތަކެތީން ދުން އަރުވަން، މައުދަނަކުން ހަދާފައި ހުންނަ އެއްޗެކެވެ. މިގޮތުން މާލޭގެ މަގުތަކުން ދުންމުޖުމަރާ އަޅަމުން ކުރިން ދެންނެވިދިޔަ ޒިޔާރަތްތަކަށް ހިނގާއިރު ކޮންމެ ޒިޔާރަތެއް ނުވަތަ މަގާމެއް ދޮށުގައި ފާތިހާ ކިޔެވުމާއި ދުއާކުރުން އޮންނާނެއެވެ. ދަމުހިނގުމަކީވެސް ދާދި އެއްކަހަލަ ކަމެކެވެ. އެއީ ހާއްސަކޮށް ރޯގާބަލިމަޑުކަން އުޅޭއިރު ރަށުތެރޭގައި ރޭގަނޑު ދުއާވެރިކަމު ހިނގުމެވެ. ދިހަމޮހުމަކީ ދިމާވެގެން އުޅޭ ސުންޕާކަމަކުން ސަލާމާތްވޭތޯ ހަދާ ފަންޑިތައެކެވެ.
މަޒުމޫނު ފަށައިގަންނަމުން އަޅުގަނޑު ލިޔުނީ 1922 ގެ ބޮޑުރޯގާއަށް ފަހު މާލެއަށް ކުރިމަތި ދެވަނަ ބޮޑުރޯގާގެ ވާހަކައެވެ. އެއީ އޭގެ 25 އަހަރު ފަހެވެ. 1947 ގެ ޖޫން މަހުގެ 23 ވަނަ ދުވަހު މާލެއަށް ފެތުރެން ފެށި އިންފުލުއެންޒާގެ ރޯގާ ވަބާއެއްގެ ގޮތުގައި ރަށުތެރެއަށް ފެތުރިގެންދިޔައެވެ. ޖެހިގެން އައި ދުވަހު ބަލިމީހުންގެ އަދަދު 300 އިން މައްޗަށް އެރިއެވެ. އެހެންކަމާއެކު އެދުވަހުގެ ރޭ މުލީއާގޭގައި ސަރުކާރު ހިންގަވަން ތިއްބެވި ވެރީންގެ ކުއްލި ބައްދަލުވުމެއް ބޭއްވުނެވެ. އިސްކޮށް ހުންނެވީ ގައުމު ހިންގަވަން ހުންނެވި އެންމެ އިސްވެރިޔާ އަދި ގައުމުގެ އެތެރެއާބެހޭ ވަޒީރު އަތިރީގޭ މުހައްމަދު އަމީން ދީދީއެވެ. ދެގަޑިއެއްހާ އިރަށް ދެމިގެން ދިޔަ މިބައްދަލުވުމަށްފަހު މާލޭގެ ކޮންމެ އަވަށަކުން ހާއްސަ ކޮމެޓީއެއް ނަގައި ބަލިމީހުންގެ ކަންތައްތައް ބަލަހައްޓަން ފެއްޓުނެވެ. މިއިން ކޮންމެ ކޮމެޓީއެއްގައިވެސް އިސްކޮށް ހުންނަވަނީ އެ އަވަށެއްގެ އަވަށުވެރިޔާއެވެ. 1922 އާ ހިލާފަށް މި ދުވަސްވަރަކީ ދިވެހީންގެ ތެރެއަށް އެދުވަސްވަރުގެ ޒަމާނީ ބޭސްފަރުވާގެ ކަންތައްތައް ކުޑަކުޑަ މިންވަރަކަށް ތައާރަފުވެފައި އޮތް ދުވަސްވަރެކެވެ. އެހެންކަމުން ބަލިމީހުންގެ ކަންކަން ބަލަހައްޓާ އަވަށު ކޮމެޓީތަކުން ހުންބޭހާއި ޖުއްލާބުލޮނާއި ކެއްކި ކޮތަނބިރިފެން ހިފައިގެން ބަލިމީހުން ތިބި ގޭގެއަށް ގޮސް ބަލިމީހުންނަށް ބޭސްދޭން ފެށީއެވެ. އަދި އޭގެ އިތުރުން މުޅި މާލެއަށް ކަތުރާނުން ދުންއަޅަމުން ދިޔައީއެވެ.
ސަރުކާރުގެ އަވަސް ނިންމުމާއެކުވެސް މިރޯގާ އެހާ ފަސޭހައިން ކޮންޓްރޯލުކުރެވޭ ގޮތެއް ނުވިއެވެ. ބޭސްދިނުމުގެ ކަންތައް ފެށުނުތާ ހަފުތާއެއްފަހުން ބަލިމީހުންނަށް އެހީތެރިވާން އުޅުނު އަވަށްއަވަށުގެ ކޮމެޓީ މެންބަރުންތަކަށްވެސް ހުމުގެ އަސަރުކުރިއެވެ. އެގޮތުން މާލޭގެ އޭރުގެ އާބާދީގެ ގިނަ ބަޔަކަށް މިރޯގާ ޖެހި ބަލިވިއެވެ. އެންމެ ގިނަ އަދަދަކަށް ރޯގާޖެހުނު ދުވަހު ޖުމުލަ 2827 މީހުންނަށް ރޯގާޖެހުނެވެ. ރެކޯޑުތަކުން ދައްކާ ގޮތުން މާލޭގެ އޭރުގެ އާބާދީގެ ފަސް ބައިކުޅަ ހަތަރު ބައި މީހުންނަށް ރޯގާޖެހުނެވެ. ކުރިންވެސް ދެންނެވުނު ފަދައިން އެދުވަސްވަރުގެ ޒަމާނީ ބޭސްފަރުވާގެ ކަންތައް ރާއްޖެއަށް އޭރު ފޯރާފައި އޮތީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ. އެހެންކަމުން މިފަދަ ވަބާއީ ރޯގާއެއް އެހާ ފަސޭހައިން ފިލުވާލުމަކީ ފަސޭހަ ކަމަކަށް ނުވީއެވެ. އެހެންނަމަވެސް އިހަށް ފަހަރާ ހިލާފަށް މިފަހަރުގެ ރޯގާއިން އެއްވެސް މީހަކު މަރެއް ނުވެއެވެ.
1947 ގެ ޖޫން މަހުގެ 23 ގައި ފެތުރެން ފެށި ބޮޑުރޯގާ މައިތިރި ނުވެ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވޭތުވުމުން ސަރުކާރުން އާ ހިތްވަރެއްލައި މަސައްކަތް ފެއްޓިއެވެ. އަވަށްއަވަށުގެ ހެލިފެލިވެއުޅެވޭ މީހުން ނެރެގެން އަވަށު ކޮމެޓީތައް އާ ފޯރިއަކާއެކު ހިންގަން ފެއްޓިއެވެ. ކުރިން ދިން ފަދައިން، ބަލިމީހުންނަށް ހުންބޭހާއި، ޖުއްލާބުލޮނާއި ކޮތަނބިރިފެން ދޭން ފެއްޓުނެވެ. އަދި ރޯގާގެ އަސަރުކޮށްފައިވާ މީހުން އުޅުން ބަހައްޓަންވީ ގޮތުގެ މައްޗަށް ނަސޭހަތްދީ ހެދިއެވެ. މީގެ އިތުރުން ބަލި ފިއްލަވާތޯ މާތްރަސްކަލާނގެއަށް ދުއާދެންނެވުމަށްޓަކައި ތިން ރޭ ވަންދެން ދެރެއިން އެއް ރޭ މަގުރިބު ނަމާދަށްފަހު ހުކުރު މިސްކިތުގައި ހާއްސަ ދުއާވެރިކަމެއް ކިޔުއްވިއެވެ. އޭގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
1947 ގެ ބޮޑުރޯގާއަށްފަހު 1959 ގެ މޭ މަހުގެ ތެރޭގައި މާލޭގައި ތިންވަނަ ބޮޑުރޯގާއެއްވެސް ފެތުރުނެވެ. މިއީ ވެސް އިންފުލުއެންޒާގެ ރޯގާއެކެވެ. މިއީ އެދުވަސް މުޅި ދުނިޔެއަށް ފެތުރުނު އޭޝިއަން ފްލޫއޭ ކިޔުނު އާލަމީވަބާއެކެވެ. 1957 އާއި 1958 އާ ދޭތެރޭގައި ޗައިނާއިން އުފެދި ފެތުރުނު މިވަބާ ރާއްޖެއަށް އެންމެ ފުރަތަމަ ފޯރީ 1958 ގައި އައްޑުއަތޮޅަށެވެ. އެދުވަސްވަރު ދިވެހިބޭސްވެރިޔާ މާވާ މުހައްމަދު މަނިކު ހުންނެވީ އައްޑޫގައެވެ. އޭރު އައްޑުއަތޮޅު ގަމުގައި ތިބި އިނގިރޭސީން އައްޑޫގައި ފެތުރެމުންދިޔަ މިވަބާ ކޮންޓްރޯލުކުރުމަށްޓަކައި ބަލިމީހުންނަށް ބޭސްދީ ބަތްޕެންފަދަ ތަކެތި ދީހެދިއެވެ.
1959 ގައި މި ރޯގާ މާލެއަށް ފޯރައި އޭރުގެ މާލޭގެ އާބާދީގެ %90 މީހުންނަށް މިރޯގާ ޖެހުނެވެ. އެއީ ގާތްގަނޑަކަށް 9000 މީހުންނެވެ. އެ ދުވަސްވަރަކީ އައްސުލްތާނު މުހައްމަދު ފަރީދުގެ ރަސްކަމެވެ. ބޮޑަވަޒީރަކީ ވެލާނާގޭ އިބްރާހީމް ނާސިރެވެ. މާލޭގައި މިވަބާ ކޮންޓްރޯލުކުރުމަށްޓަކައި ބޮޑުވަޒީރު އިބްރާހީމް ނާސިރު މާވާ މުހައްމަދު މަނިކުގެ އެހީތެރިކަން ހޯއްދެވިއެވެ. ސަބަބަކަށްވީ އޭރު މާލޭގައި ހުންނެވި ޑޮކްޓަރު ޑިސިލްވާއަށް މިރޯގާޖެހި އޭނާގެ އެހީތެރިކަން ލިބޭނެ ގޮތެއް ނުވުމުންނެވެ. މިކަމުގައި މާވާ މުހައްމަދު މަނިކަށް އައްޑުއަތޮޅުން ލިބިލެއްވި ތަޖުރިބާ ވަރަށް ބޮޑު އެހީއަކަށްވިއެވެ.
1959 ގެ އޭޝިއަން ފްލޫ ރޯގާއަށްފަހު މާލޭގައި 1978 ގައި ކޮލެރާ އަދި 1982 ގައި ޝިގެއްލާ ރޯގާ ފެތުރި ގިނަ އަދަދެއްގެ ބަޔަކަށް މިރޯގާތައް ޖެހުނެވެ. މިގޮތުން މާލޭގެ 3235 މީހަކަށް ކޮލެރާ ޖެހި 7 މީހަކު މަރުވިއެވެ. އަދި 3950 މީހަކަށް ޝިގެއްލާ ޖެހި 33 މީހަކު މަރުވިއެވެ. މިރޯގާތައް ޖެހުނުއިރު މާލޭގެ ބޭސްފަރުވާގެ ކަންތައްތައް ހުރީ އިހުނަށްވުރެ ވަރަށް ބޮޑުތަނުން ކުރިއަރާފައެވެ. އޭރުގެ ޒަމާނީ އާދައިގެ ފެންވަރުގެ ހޮސްޕިޓަލެއް މާލޭގައި ހުއްޓެވެ. އަދި ރައީސް ނާސިރުގެ ސަރުކާރުންނާއި ރައީސް މައުމޫނުގެ ސަރުކާރުން އޭރު އެޅި ހަރުދަނާ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ވަރަށް އަވަސް މުއްދަތެއްގައި މާލެއިން މިރޯގާތައް ކޮންޓްރޯލްކުރެވުނެވެ.
މި މަޒުމޫނުގައި އަޅުގަނޑު މިބަލައިލީ 20 ވަނަ ގަރުނުގެ ތެރޭގައި މާލެއަށް ކުރިމަތިވި ބޮޑުރޯގާ ތަކެއްގެ މައްޗަށެވެ. އޭގެތެރެއިންވެސް ހާއްސަކޮށް ދެވަނަ ބޮޑުރޯގާއަށެވެ. މިއީ ހަމައެކަނި މާލެއަށް ހާއްސަކޮށްގެން ލިޔުނު މަޒުމޫނަކަށްވީތީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މިރޯގާތައް ފެތުރުނު ގޮތުގެ މައްޗަށް ނުލިޔުނީއެވެ.
ނިންމާލަމުން އަޅުގަނޑު ދަންނަވާލާނީ މިއަދުގެ ދުނިޔެއާއި ދިވެހިރާއްޖޭގެ ހާލަތާއި، އޭރުގެ ދުނިޔެއާއި ދިވެހިރާއްޖޭގެ ހާލަތާއި އަދި މިއަދުގެ ދިވެހިރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތާއި، އޭރުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތާއި، އޭރާއި މިހާރުގެ ވެރިކަން އޮތް ގޮތުގެ މައްޗަށް ފިކުރުކޮށްލުމެއް ނެތި، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން މިއުޅޭ ކޮވިޑް19 ގެ ބޮޑުރޯގާ ނުވަތަ އާލަމީ ވަބާއާއި އިސްވެ ބަޔާންކުރެވުނު ބޮޑުރޯގާތަކާ އަޅައިކިޔުމަކީ އިންސާފުވެރި ކަމަކަށް ނުވާނެކަމެވެ.
މަރުޖިއުތައް:
Mohamed Ismail Fulhu, Healthcare Services in the Maldives: Yesterday and the Day Before (2014)
ސަރުކާރުގެ خبر ١ رمضان ١٣٦٦
ވިހި ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ 1
H.C.P. Bell, The Maldive Islands, Monograph on the History, Archaeology and Epigraphy (1940)
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.