އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފެނުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްގެ ފިސްތޯލައެއް ކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.
އައިއީޑީއެއް ގޮއްވާލައި މިމަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އޭޑީކޭގައި އެމަނިކުފާނަށް ފަރުވާދެމުންދިޔަ ދުވަސްވަރު އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަން ފުލުހުން ދޮގުކޮށްފައެއް ވެސް ނުވެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ބޮޑީގާޑު ފާހާނާއަށް ވަނުމަށްފަހު އޭނާއަށް ނުކުމެވުނީ ހަނދާން ނެތިގެން ފިސްތޯލަ ބާއްވައިފައެވެ.
ފާހާނާ ތެރެއިން އެ ފިސްތޯލަ ފެނުނީ އޭޑީކޭގައި މަސައްކަތްކުރާ ނަރުހަކަށެވެ. ކަމާބެހޭ އިދާރާތަކަށް އެކަން ރިޕޯޓުކޮށްފައިވަނީ އޭޑީކޭގެ ވެރިންނަށް އަންގައިގެން ކަމަށް ވެސް އެނގިފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް، އެ ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައިގެ ތަހުގީގު އޮތީ ކިހާ ހިސާބެއްގަތޯ އާއި އެކަމުގެ ތަފުސީލު ދެއްވުމަށް އެދިފައެވެ.
ނަމަވެސް އެ ސުވާލަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ސީދާ ޖަވާބެއް ދެއްވައިފައެއް ނުވެއެވެ. އަދި އެކަން ދޮގު ކުރައްވައިފައެއްވެސް ނުވެއެވެ.
"އެކަމާ ގުޅޭ މައުލޫމާތު މި ޕްރެސް އަކަށް ގެނެވިފައެއް ނެތް، ފަހުގެ ވަގުތެއްގައި ޕޮލިސް މީޑިއާ ތުރޫކޮށް އެއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވޭ ވަރަކަށް ހިއްސާ ކުރާނަން،" ބަޝީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ވަން" އިން ޕޮލިސް މީޑިއާ އޮފިސަރަށް ގުޅުމުން ވިދާޅުވީ، އެކަމާ ގުޅޭގޮތުން ފަހުން މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރަށް ގުޅުމުންވެސް އަދި ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު