ދިވެހިރާއްޖޭގެ ތާރީޚު

ޑރ. ވަހީދުގެ ކޮލަމް: ފުވައްމުލަކުގައި ކިޔައި އުޅުނު ގަނޑު މައުލޫދު

ޑރ. އަބްދުﷲ ވަހީދު

1

އިހު ޒަމާނުގައި ރާއްޖޭގެ ރަށް ރަށުގައި އެކިއެކި މުނާސަބަތުތަކާއި ނުވަތަ ކަންކަމާ ގުޅުވައިގެން ބޮޑު މައުލޫދު ކިޔައި އުޅުނެވެ. އޭގެ ތެރެއިން ބައެއް މައުލޫދަކީ ރާވެރިން މައުލޫދު، އަންހެނުން މައުލޫދު، ބާރަ މައުލޫދާއި މަދަރުސާ މައުލޫދު ފަދަ މައުލޫދު ތަކެވެ. މި މައުލޫދު ތަކަކީ ރަށު މީހުންގެ އިތުރަށް، ކައިރީ ރަށްރަށުގެ މީހުންނަށް ވެސް ދައުވަތު ދީގެން ބާއްވައި އުޅުނު އިޖުތިމާއީ މުނާސަބަތު ތަކެކެވެ. އޭގެ ސަބަބުން ގުޅުންތައް ބަދަހިވެ ބައެއް ކައިވެނިވެސް ރޭވިގެން ދިޔައެވެ.

މީލާދީގޮތުން 1960 ގެ އަހަރުތަކާ ޖެހެންދެން ފުވައްމުލަކުގައި ވެސް ގަނޑުމާލޫދެއް ކިޔަމުން އައެވެ. އެއީ އެ ދުވަސްވަރު އެރަށުގެ ޘަޤާފަތުގެ ވަރަށް ކުލަގަދަ ހިއްސާއެކެވެ. ކުދިބޮޑު ޒުވާން މުސްކުޅި އެއްމެހާ މީހުންހެން އެ މައުލޫދުގެ ކަންކަން އިންތިޒާމު ކުރުމުގައި ބައިވެރިވެ އުޅުނޫއެވެ.

މާލޫދު ބާއްވަން ރާވަނީ އިރުވައިގެ ފަހުބައިގައެވެ. އެއީ ކޮޅުނބުން އަންނަ އޮޑިފަހަރު ލަފައި މުދާބާލާ ދުވަސްވަރާ ދިމާކޮށެވެ. އެ ޒަމާނުގައި ކޮޅުނބު ދަތުރުކޮށް އުޅުނީ އަހަރަކު އެއް ފަހަރުއެވެ. ރާއްޖެއިން ފުރާނީ ހުޅަނގުގެ ފަހުކޮޅުގައި، ކަނޑުމަތިން ހޭނަކަތް ލައިގަންނަ ގޮތަށެވެ. ކޮޅުނބުން ފުރާނީ އިރުވައިގެ ދެ ހަޅަ ޖަހައި ނިމި މަޑުވީމައެވެ.

އެ ޒަމާނުގައި ހަނޑުލާއި ހަކުރާއި ފުށާއި އަވެއްޔާއި ހަވާދުގެ ބާވަތްތަކާއި ސައިފަތާއި ބިސްކޯދު ގެންނަނީ ކޮޅުނބުންނެވެ. ފޭރާމާއި ސއިބޯންޏާއި ރީތިވާ ސާމާނާއި އަތަރު ގެންނާނީ ވެސް އެތަނުންނެވެ. އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގެއަށް ބޭނުންވާ ތެލިތައްޓާއި ސާފުތެލާއި ވެސް ކޮޅުނބުން ގެންނާނެއެވެ.

އެ ޒަމާނުގައި ރާއްޖެތެރޭގައި ހޮސްޕިޓަލާއި ސިއްޙީ މަރުކަޒު ތަކެއް ނުހުރެއެވެ. ވީމާ ގެއަށް ބޭނުންވާ ބޭސް ގެންނަނީ ވެސް ބޭރުންނެވެ. އޭގެތެރޭގައި ޑޮކްޓަރީ ހުންބޭހާއި ބާމާއި ދިވެހި ބޭހުގެ ބާވަތްތައް ވެސް ހިމެނުނެވެ. މާލޫދުގެ ޖާފަތަށް ކައްކަން ބޭނުންވާ އެއްޗެތި ވެސް ގެންނަނީ އޮޑިފަހަރުގައެވެ. އަދި މި ނޫން ވެސް އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ގެންނަނީ މި ދަތުރުތަކުގައި ބޭރުންނެވެ. އެހެންކަމުން އޮޑިފަހަރު ލެފީމާ ރަށުތެރެ ތިޔާގިވެ ހީވާނީ ޢީދެއް އައިސްގެން އުޅޭ ހެނެވެ. އެހެންކަމުން އިރުވައި ނިމޭ ހިސާބަކީ މައުލޫދު ބޭއްވުމަށް އެއްމެ މުނާސަބު ދުވަސް ވަރެވެ.

ފުވައްމުލަކަކީ އެހެން ރަށެއް ނެތް ވަކި އަތޮޅެކެވެ. ވީމާ އެހެން އަތޮޅުތަކާ ޚިލާފަށް އެމީހުންނަށް އެހެން ރަށްރަށަށް ދައުވަތު ދިނުމުގެ ފުރުސަތެއް ނޯވެއެވެ. ވީމާ އެމީހުން މާލޫދަށް ކޭން ތައްޔާރު ކުރަނީ އަވަށްތައް، ދެ އަރިއަށް ބަހާލައިގެންނެވެ. އެއީ މާދަޑި އަރިއާއި ފުނާޑި އަރިއެވެ. މާދަޑިއަރީގައި ހިމެނޭ އަވަށްތަކަކީ ދަޑިމަގާއި ދިގުވާޑާއި ހޯދަޑާއި މާދަޑެވެ. ފުނާޑިއަރީގައި ހިމެނެނީ މިސްކިތްމަގާއި މާލެގަމާއި ދޫޑިގަމާއި ފުނާޑެވެ. އެއް އަރީގައި ކައްކާ ކޭންތަކަށް އަނެއްއަރީގެ ގޭގެއަށް ދައުވަތު ދޭނެއެވެ. ކޭން ކެއްކުމުގައި، ދައުވަތު ލިބޭ އެއް އަރީގެ މީހުން ދައުވަތު ދޭ އަނެއް އަރީގެ ގޭގެއަށް ގޮސް އެހީތެރިވެއެވެ. މިހެން ގޮސް އުޅުމަކީ ވަނީ ވަރަށް ބޮޑު މަޖާގަނޑަކަށެވެ. ކުރީގެ ގުޅުންތައް އާރޯވެ އާގުޅުންތައް އުފެދޭ ކަމަކަށެވެ.

ކައްކާ ދުވަސް ކަނޑައަޅަނީ ދެ އަރީގެ ބޮޑުން މަޝްވަރާކޮށްގެނެވެ. އާއްމުކޮށް މައުލޫދަށް ކައްކަނީ ބުރާސްފަތި ދުވަހެއްގައެވެ. އެއީ ހުކުރުވިލޭރޭ މައުލޫދު ކިޔުމުގެ ގޮތުންނެވެ.

މައި ކެއުމަކަށް ކައްކަނީ ބަތާއި ކުކުޅުރިހައެވެ. އެއާއިއެކީގައި ފިޔާ ސަޓަންޏާއި ބިލިމަގު ސަޓަންޏާއި ޕާޕަރު ހުންނާނެއެވެ. ފޮނިއެއްޗެއްސަށް ތައްޔާރުކުރަނީ ހަނޑުލު ބޮނޑިބަތާއި ސާގު ބޮނޑިބަތާއި ބާރުލީ ބޮނޑިބަތާއި ހަލުއިދާއާއި ފުށުން ކައްކާ ކިރެވެ. ބުއިމަކަށް ހަދަނީ އިސްބަގޫލު ފަންޏެވެ. އެ ހަދާނީ އެސެންސާއި ކާކުލައާއި ފިނިފެން އަޅައިގެން ވަރަށް މީރުކޮށެވެ. މީގެ އިތުރުން ދޮންކެޔޮ ވެސް ހުންނާނެއެވެ. މައުލޫދަށް ދޮންކެޔޮ ދޮންކުރުމަކީ ވެސް ކޮށްއުޅުނު ވަރަށް މުހިންމު ކަމެކެވެ. އެކަން ކުރަނީ ވަޅުގަނޑެއް ކޮނެގެން އެއަށް ކެޔޮގަނޑުލައި މަތި ބަންދުކޮށްގެނެވެ.

ކައްކައި ނިމިގެން ބަތް އަޅަނީ ކޭން ތައްޓަކަށެވެ. ތަށީގައި ފުންޏެއްހެން ނަގައި ބަތްތައް އޮމާން ކުރެއެވެ. ދެން ތަށި ލަނީ މަލާފަތަކަށެވެ. ގޭގޭގައި ކާ ކޭންތަކުގައި މަލާފަތް ބޭނުމެއް ނުކުރާނެއެވެ. ކޭންތައްޓަކީ ބޭރުން ގެންނަ މުށި ތައްޓެކެވެ. މަލާފަތަކީ ރާއްޖޭގެ އުފެއްދުމެކެވެ. އެ ހުންނާނީ ލިޔެލާޖަފައި ވަރަށް ރީތިކޮށް ޑިޒައިންކޮށްފައެވެ. ފުވައްމުލަކަކީ ލިޔެލާޖެހުން އެހާ ގިނައިން ނުކުރާ ރަށަކަށް ވާތީވެ، މަލާފަތް ގެންނަނީ އުތުރުގެ އަތޮޅުތަކުން، ޚާއްސަކޮށް މާޅޮސްމަޑުލުންނެވެ.

ކޭން އޮމާންކޮށްފައި އޭގެ މަތީގައި ދެތިން ބިސްގަނޑު ފަތުރައެވެ. ދެ ބާވަތުގެ ބިސްގަނޑު، ގަރޮ (ލޮނު) އާއި ފޮނި، ހުންނާނެވެ. ކުކުޅުގެ މޭކުރަނޑި ކުދިކޮށް ކޮށައިފައި ވަކި ތައްޓަކަށް އަޅައި މަތިޖަހާފައި ބިސްގަނޑުގެ ދަށަށްލައެވެ. އަދި ބިލެތްކަފައި ފޯކާއި ކަރަންފުލާއި ކާފޫރު ތޮޅިއާއި ފޮނިތޮށްޓާއި ބިލެތް މަލާފަތަކަށް އަޅާފައި ބަހައްޓާނެއެވެ.

ހަރުގެއަށް ގެންދާ ކޭމުގެ އިތުރުން ގޭގޭގައި ވަކި ކޭން ތައްޔާރުކުރާނެއެވެ. އެއަށް ދައުވަތު ދެނީ އަނެއް އަރީގެ މީހުންނަށެވެ. ކޭމަކަށް 6 މީހުންވާ ގޮތަށެވެ. ކެއުމަށްފަހު ބަކީ ހުންނަ އެއްޗެތި، ކައްކަން އެހީތެރިވި އަނެއް އަރީގެ މީހުން އެ މީހުންގެ ގޭގެއަށް ގެންދަން ދޭނެއެވެ. އެ ކޭންތަކަށް ދައުވަތުދެނީ އަސުރު ނަމާދަށް ފަހު ރަށުތެރެއަށް ނުކުމެ ގޮވައިގެންނެވެ. ކޭން ކާނީ ހަވީރު 4.30 ގައެވެ.

މާލޫދު ހަރުގެއަށް ގެންދަނީ އިސްކޭމާއި ދަށު ކޭމެވެ. އެއީ ރަށުގެ ބޮޑުންނަށް ދެތިން އިސް ކޭމާއި މާލޫދު ކިޔާ މީހުންނަށް ހަތަރުފަސް ދަށު ކޭމެވެ. ހަރުގޭގައި ކޭން ތައްޔާރުކުރަނީ ބުރާސްފަތި ދުވަހު މަޣުރިބު ނަމާދުން ފައިބާ ގަޑިއަށެވެ.

އިހުގައި މާލޫދު ކިޔައި އުޅުނީ އެކަމަށް ހަދާ ހަރުގެއެއްގައެވެ. ހަރުގެ ހަދަނީ ދަނޑި ފަނުންނެވެ. މަތި ހިޔާކުރަނީ އޯލެއިން (ތޮށަލިން) ނެވެ. ބިތުގައި ރޯފަންޖަހައި ކުލަކުލައިގެ ފޮތި ދަމާނެއެވެ. ފުރާޅުގެ ދަށުގައި ފޮތިން ސަނދުވާ ހަދާނެއެވެ. އަދި އޭގެ ދަށުގައި ކުލަފޮތި ދަމައި ޒީނަތްތެރި ކުރާނެއެވެ. ބިންމަތީގައި ކުނާ ފަތުރައި ބާލީސް ޖަހާނެއެވެ. މާލޫދު ފޮތްތައް ބަހައްޓަނީ ބާލީސް މަތީގައެވެ. ފަހުންފަހުން އައިސް މިގޮތަށް ހަރުގެ ނުހަދައެވެ. މާލޫދުކިޔުން ބަދަލުވީ މަދަރުސާތަކަށެވެ.

މަޣުރިބު ނަމާދުން ފައިބައިގެން ގެއަށް ގޮސް ތައްޔާރުވެގެން ދައުވަތު ލިބޭ ރަށުގެ ކަމުވޮށިވެގެން ވާ މީހުންނާއި މައުލޫދު ކިޔާ މީހުން ހަރުގެއަށް ދާނެއެވެ. ދިޔައިމާ އިސްތިޤުބާލުކޮށް ކޮންމެ މެހުމާނަކު އޭނާ އިންނަންވާ ކޭމަކަށް ގެންގޮސްދޭނެއެވެ. ކޭމެއްގައި ތިބޭނީ އެއް ފަންތީގެ މީހުންނެވެ. ކޭމަށް އަރާނީ ކޮންމެ މީހަކު ވެސް އަނެއް އަރީގެ ކޭމަކަށެވެ. ކާން ފެއްޓުމުގެ ގޮތުން ކޮންމެ މީހަކު ވެސް ބިސްގަނޑުން އެތިކޮޅަކާއި މޭކުރަނޑި ތަށިން އެތިކޮޅަކާއި ކާނެއެވެ. ދެން އަމިއްލަ ތައްޓަށް ބަތާއި ރިހަ އަޅައިގެން ކާން ފައްޓާނެއެވެ. ކައި ނިމިގެން ބިލެތް މަލާފަތުން ބިލެތް ބަހާނެއެވެ. ބިލެތް ހުރި ވަރަކުން ކޮންމެ މީހަކަށް ވެސް ބިލެތް ލިބޭނެއެވެ. ދުފައި ނިމިގެން އަތަރުލުން އޮންނާނެއެވެ.

ކެއުން ނިމުނީމާ ޞަލަވާތް ފާތިހާއިން މާލޫދު ފަށާނެއެވެ. ދެން މާލޫދު ބުރިތަކާއި ޅެންބައިތައް ކިޔަމުން ގެންދާނެއެވެ. އާއްމުކޮށް ކިޔަނީ ސުބުޙާނަ މައުލޫދާއި ބަރުޒަންޖީ މައުލޫދެވެ. ޢިޝާ ނަމާދު ވަގުތު ޖެހުނީމާ ސަލާމް ޅެންބައި ކިޔައި ނަމާދަށް މެދުކަނޑާލާނެއެވެ. ނަމާދުން ނިމިގެން އައިސް އަލުން ކިޔަން ފަށައި މެންދަމާ ހަމައަށް ކިޔާނެއެވެ. ދެން މާލޫދުކިޔާ މީހުން ގެއަށް ގޮސް، އެނބުރި އަންނަނީ ފަތިސް ނަމާދުވަގުތުގައި ދަމު ކޭމަށެވެ

މާލޫދު ހުއްޓުން އޮންނާނީ ހުކުރު ދުވަހު ހަވީރުއެވެ. މާލޫދު ހުއްޓުމަށްފަހު އޮންނާނީ ހުއްޓާ ކޭމަށް އިންސާފު ކުރުމެވެ. ހުއްޓާކޭން ތައްޔާރު ކުރަނީ މާލޫދު ނިމޭ ގަޑިއަށެވެ. އެކޭމުގައި ހުންނަނީ މައިގަނޑު ގޮތެއްގައި ފޮނި އެއްޗެއްސެވެ. ރޫސިއާބަތާއެކު ދޮންކޭލާއި ކަރުހަކުރު ހުންނާނެއެވެ. ހެދިމަހާއި (ކަނޑުކުކުޅު) ކުކުޅު، ހިކިކޮށް ހަދާފައި ހުންނާނެއެވެ. އެ ހުންނާނީ ބައިބައި ވަކި ނުކޮށް ކުކުޅު އޮތްގޮތަށެވެ. ބުއިމަކަށް ހުންނާނީ ކަޅުސައެވެ. މީގެ އިތުރުން ފޮނި އެއްޗެއްސާއި ބިސްގަނޑު ހުންނާނެއެވެ. މިކަން ހިނގަމުންދާއިރު ގޭގޭގައި ވެސް ހުއްޓާ ކޭން ކެއުން އޮންނާނެއެވެ.

ގަނޑުމާލޫދު ކިޔުން ހުއްޓުނީ 1960 ހިސާބުގައެވެ. އޭގެ އެއްމެ ބޮޑު ސަބަބަކީ އޮޑިފަހަރުގައި ބޭރަށް ދިޔުން މަނާ ވުމެވެ. އަދި ބޭރުން ވަޑައިގެންނެވި ޝައިޚުން އެއީ ބިދުއައެއް ކަމަށް ވިދާޅުވުމެވެ.

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.