ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެއިން މިއަދު ހައްޔަރުކުރީ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބ. ދަރަވަންދޫގައި ރޭ ކުރިއަށްގެންދިޔަ އޮޕްރޭޝަނެއްގައި ވަނީ ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައެވެ.

އޭނާ އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތަރުވަނަ މީހާއެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭވެސް ފުލުހުން ވަނީ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ހއ. މޮޅަދޫ، އަބްދުﷲ އަލި މަނިކުވެސް މާލެއިން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އަލި މަނިކު ހައްޔަރުކުރީ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުން ދަނިކޮށް ކަމަށެވެ.

އޭގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.