ޚަބަރު

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އީސަ އިސްތިއުފާ ދެއްވައިފި، ވިދާޅުވީ ގާނޫނާ ހިލާފު އަމަލެއް ނުކުރައްވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އިސްތިއުފާ ދެއްވައިފި އެވެ.

އީސަގެ ރަސްމީ ޓުވިޓާ އެކައުންޓުން މިއަދު ހިއްސާކުރި ބަޔާނެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަަލައެއް މިވަގުތު ތަހުގީގު ކުރެމުންދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހޭ މުއައްސަސާތަކަށް އެންމެ ފުރިހަމަ ގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި، މިއަދުން ފެށިގެން އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ދޭ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، ފުލުހުންނާމެދު އޭނާގެ އިތުބާރު އެބަ އޮތް ކަމަށާއި އަދި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އީސަ އިސްތިއުފާ ދެއްވި އިރު، އޭނާ އެ މަގާމުން ވަކި ކުރުމަށް މިއަދު ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. ނަމަވެސް ވަކިކުރުމުގެ ވޯޓު ނެގުމަށް ބޭނުންވާ އަދަދަށް ކޯރަމެއް ނުލިބިގެން ބައްދަލުވުން ވަނީ ނިންމާލައިފައެވެ.

އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވައްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ.

އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފައެވެ.

ގެވެށި އަނިޔާގެ ތުހުމަތުކުރެވިފައިވާ މެންބަރު އަހުމަދު އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެދިފައެވެ.