ބ. ދަރަވަންދޫގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވާ މީހަކީ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ބަޝީރު ވަނީ އެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ އިތުރު މައުލޫމާތެއް ނުދެއްވި އެވެ.

"ރޭގަ ވަގުތެއްގައި މި މައްސަލައާ ގުޅުން ހުރި ފަރާތެއް މި ވަނީ ހައްޔަރު ކުރެވިފައި. މިފަރާތަކީ ލ. ގަން ތުނޑި ދުންފިނިއުފާ އަހްމަދު ފާތިހް(23) އަހަރު،" ބަޝީރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ފާތިހު ހައްޔަރު ކުރީ ރޭ ދަރަވަންދޫންނެވެ. އަދި މިހާރު އޭނާ ވަނީ މާލެއަށް ގެނެސްފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ފިޔަވަޅުތައް ހަރުކަށިކޮށް، އޮޕަރޭޝަންތައް ހިންގަމުންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.

ނަޝީދަށް ހަމަލާދިން ހާދިސާގައި މީގެ ކުރީން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އަދި ވ. ތިނަދޫ، ހިޔާ، އަހުމަދު އަދުހަމެވެ.

ފުލުހުން ވަނީ މި ތިން މީހުންވެސް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ބުނެފައެވެ. އަދި އެމީހުންގެ އުޅުމުން ހަރުކަށި ފިކުރުގެ މިޒާޖު ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.