ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ވިލިނގިލީގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ވިލިނގިލީގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން ހިމެނެއެވެ. އަދި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.

ވިލިނގިލީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް އަންގައި، އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމަށް ވަނީ އަންގައިފައެވެ. އަދި ސެލޫންތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގައި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ.

ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތްދިނުމަށް އަންގައި، ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށްގެންދިއުން ހުއްޓައިލުމަށް ވެސް ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް އަންގާފައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނެއެވެ.

ވިލިނގިލިން ކަރަންޓީނު އުސޫލާ ހިލާފުވި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ރަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.