މިދިޔަ 24 ގަޑިއިރު ތެރޭ 1،187 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 48،608 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 965 މީހަކާއި އަތޮޅުތެރެއިން 214 މީހަކާއި ރިސޯޓުތަކުން ހަ މީހަކު އަދި ސަފާރީތަކުން ދެ މީހުން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ނިޔަލަށް އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 558 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 29،644 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 18،843 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 274 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 112 މީހަކު ވަނީ މަރުވެފައެވެ. އެއީ 101 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.