ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ބ. ދަރަވަންދޫގައި ފަށައިފިއެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންގައި މިހާތަނަށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ދަރަވަންދޫގައި ފަށާފައިވާ އިރު، ފުލުހުންނާއި ސިފައިން ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައިވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝްގައި ޖުމްލަ ހަތް މީހަކު ހައްޔަރުކުރިއެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.