ހަރުކަށި ފިކުރު ފަތުރަމުންދާ ބޮޑެއް ކަމަށް ތުހުމަތުކޮށް ރޭ މާލެ އިން ހައްޔަރު ކުރި ހއ. މޮޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު ދިޔައީ ޓެރެރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ، 49 އަހަރުގެ އަބްދުﷲ އަލީ ހައްޔަރު ކުރުމަށް ފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ގެންގޮސްފައެވެ.

ފުލުހުންގެ ބަންދުގައި 15 ދުވަސް ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވާ އިރު، އެ އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރެރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮތް ކަމަށެވެ.

"ތުހުމަތުކުރެވޭ މައްސަލައަކީ މުޖުތަމައަށް ބޮޑެތި ގެއްލުންތައް ލިބޭ މައްސަލައަކަށްވުން،" ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އަބްދުﷲ އަލީގެ މައްޗަށް ވަނީ އިތުރު ތުހުމަތުތަކެއް ވެސް ކޮށްފައެވެ. އެގޮތުން، ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސްފަރާތްތަކުގެ ތެރޭގައި އޭނާ ހިމެނޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޖަމާއަތަކަށް އޭނާ ތާއީދުކޮށް ބޭރުގެ އެކި ގައުމުތަކުގައި ހިންގާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިކުރުމަށް ޖިހާދުކުރުމުގެ ނަމުގައި މީހުން ފޮނުވުމާއި އެކަމަށް މީހުން ރެކްރޫޓް ކުރުމުގައި އިސްދައުރެއް އަދާކުރާ ކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް އެ ތުހުތަމުތަކަށް އަބްދުﷲ އަލީ މިއަދު ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.

އޭނާގެ މުއްދަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ. އެއީ ފުލުހުން އެގޮތަށް އެދުމުންނެވެ.

އަބްދުﷲ އަލީއަކީ ބަންދުގައި ބެހެއްޓުމަށްފަހު ވަރަށް ފަހުން ގެއަށް ދޫކޮށްލި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިމަހުގެ ހަވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިން އަންނަނީ ފިޔަވަޅުތައް ހަރުކަށިކޮށް، އޮޕަރޭޝަންތައް ހިންގަމުންނެވެ.