އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިބި މީހުން އެ މަގާމުތަކުން ވަކި ކުރަން ސަރުކާރަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ، ބޮޑު ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކާއި އެކި މުއައްސަސާތަކާއި ސަލާމަތި ބާރުތަކުގައި ކުރިން ތިއްބެވި ފަރާތްތަކާއި މިހާރު ތިއްބެވި ފަރާތްތަކުގެ މައްޗަަށް، އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ ޖިނާއީ ތަހުގީގު ލަސްވަމުންދާ މައްސަަލަ ބަލައި ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން އެކުލަވާލި ތަހުގީގީ ރިޕޯޓު މިއަދުގެ ޖަލްސާއިން ފާސްކުރި އިރު، އެ ކޮމިޓީގެ ރެކޮމެންޑޭޝަނެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނައިގެންނެވެ.
މަޖިލީހުން ފާސްކުރި ކޮމިޓީ ރިޕޯޓުގައި އަށް ރެކޮމަންޑޭޝަނެއް ހުށަހަޅަން ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިސްވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމަކަށް ވެފައި، ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އޭސީސީއަށް ދެންނެވުމަށްވެސް ވަނީ ހިމަނައިފައެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަމާއި، ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަ ކަމަށާއ، އެ މަސައްކަތް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ވެސް ވަނީ ހިމަނައިފައެވެ.
އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ އިރު، އެ ފަރާތްތަކާމެދު، އެވަގުތަކު އެޅެން ހުރި މުުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށާއި އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގެ ތެރެއިން، ވަކި ކުރެވޭނެ ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ފެންނަ ކަމަށް ހުށަހަޅަންވެސް ވަނީ ހިމަނައިފައެވެ.
އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން އެ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ހިމަނާފައިވެއެވެ.
ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަހުގީގުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
މި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި އެވަގުތު ޖަލްސާގައި ތިއްބެވި 46 މެނަބަރުންގެ ތެރެއިން 45 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ލިސްޓު ނެރެފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ 119 މީހުންނަކީ މިހާރުވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންނެވެ.
އޭގެ ތެރޭގައި ސިޔާސީ މަގާމުތަކާއި އިންތިހާބީ މަގާމުތައް ހިމެނެއެވެ.