އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، ދައުލަތުގެ އެކި މަގާމުތަކުގައި މިހާރު ތިބި މީހުންގެ ތެރެއިން އެ މަގާމުތަކުން ވަކި ކުރެވެން ތިބި މީހުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަަހަޅައި ބަހުސް ފަށައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގު އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދާ މައްސަލަ ބަލައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ބާރުތަކާބެހޭ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓެއް އެކުލަވާލައިފައެވެ.
އެ ރިޕޯޓުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ، އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ލިސްޓެއް ވެސް ވަނީ އާއްމު ކޮށްފައެވެ. އޭގެ އިތުރުން އެ މައްސަލަތަކާ ގުޅިގެން ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅަންވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ރެކޮމެންޑޭޝަނަކީ، ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ތެރެއިން، ދައުލަތުގެ އެކި އެކި މަގާމުތަކުގައި މިހާރު ތިބި މީހުންގެ ތެރެއިން އެ މަގާމުތަކުން ވަކި ކުރެވެން ތިބި މީހުން ވަކި ކުރަން ހިމަނާފައިވާ ރެކޮމެންޑޭޝަނެވެ.
އެ ރެކޮމެންޑޭޝަނާއެކު، އެ މައްސަލައިގައި، ޖޮއިންޓް ކޮމީޓީން ފާސްކުރި ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރުމަށް އެ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް، 281 މީހުންގެ ލިސްޓެއް ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މަގާމުތަކުގައި ތިބިކަމަށްބުނާ 119 މީހުން ހިމެނޭ ލިސްޓެއްވެސް ކޮމިޓީން ވަނީ އާއްމު ކޮށްފައެެވެ.
އެ މައްސަލަ ކޮމިޓީން ބެލުމަށްފަހު، އެކުލަވައިލި ރިޕޯޓުގައި އަށް ރެކޮމަންޑޭޝަނެއް ހުށަހަޅަން ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ބޮޑު ހިޔާނާތުގެ ލިސްޓުގައި ހިމެނޭ، ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުން ދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކަކަށްވާތީ، މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި ދެންނެވުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިސްވެސްޓިގޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމަކަށް ވެފައި، ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އޭސީސީއަށް ދެންނެވުމަށްވެސް ވަނީ ހިމަނައިފައެވެ. އަދި އެމްއެމްޕީއާރުސީގެ ވައްކަމާއި، ހިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަ ކަމަށާއ، އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ވެސް ވަނީ ހިމަނައިފައެވެ.
އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، އެ ފަރާތްތަކާމެދު، އެވަގުތަކު އެޅެން ހުރި މުުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަ ކަމަށާއި، އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމު ތަކުގެ ތެރެއިން، ވަކި ކުރެވޭނެ ފަރާތްތައް މަގާމުތަކުން ވަކި ކުރުމަށް ފެންނަ ކަމަށް ހުށަހަޅާންވެސް ވަނީ ހިމަނައިފައެވެ.
އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދިނުމުން ނުވަތަ ޝަރުއީ ހުކުމަކުން ކަމަށްވާތީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ވެސް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން އެ މައްސަލައިގެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހިންގާ އިރު ތަހުގީގީ އިދާރާތަކުން އެއް އުސޫލެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށާއި އެފަދަ އިންވެސްޓިގޭޝަންތައް ހިންގާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ވެސް ހިމަނާފައިވެއެވެ.
ރާއްޖޭގައި ފައިނޭންޝަލް ކްރައިމްސް ގިނަވަމުންދާކަން ފާހަގަވާތީ، ފައިނޭންޝަލް އިންވެސްޓިގޭޝަންގެ ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށް ފެންނަ ކަމަށާއި މިފަދަ ތަހުގީގުތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީ، އެފަދަ މައްސަލަތައް ތަހުގީގުކުރާ އިދާރާތައް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދެންނެވުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގައި ދެންނެވުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް