ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ ވަރަަށް ބޮޑަށް ބަލި ފެތުރެމުންދާތީ، އިތުރު ވަސީލަތްތައް ގާއިމު ކުރުމަށާއި، އެކަމާ ބެހޭ އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ މީހުން މަރުވާ އަދަދާއި، އެ ބައްޔަށް މީހުން ޕޮޒިޓިވް ވާ އަދަދާއި ކަރަންޓީނު ކުރާ މީހުންގެ އަދަދާއި މޮނިޓަރިން ހާލަތަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

އަތޮޅުތަކުން ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބޭ ގޮތަށް އިންތިޒާމު ހަމަޖެހިފައި ނެތުމާއި، ނަތީޖާ ނުލިބި އިންތިޒާރު ކުރަން ޖެހޭ މުއްދަތު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އާއި ސިއްހީ ދާއިރާގައި އިސް ސަފުގައި މަސައްކަތް ކުރާ މީހުންނާއި ސިއްހީ ހިދުމަތްތެރިން ވަރުބަލިވެ، ބަލި މީހުންނަށް ފަރުވާ ދިނުން ލަސްވާ ހާލަތަކަށް ދިއުމުގެ ކަންބޮޑުވުން ފަންނީ ފަރާތްތަކުން ހާމަކުރަމުން ދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެއާއެކު އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްތަކާއި ކޮވިޑް ސެންޓަރުތަކުގެ ބެޑް ކެޕޭސިޓީ އާއި އިންސާނީ ވަސީލަތް މަދުވެ، ބައްޔަށް ޕޮޒިޓިވް ވަމުންދާ ފަރާތްތަކަށް އެޓެންޑް ނުކުރެވި، ފަރުވާ ލަސްވެ ގިނަބައެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ކަަމަށް ބެލެވޭތީ އާއި ވެކްސިން ޖެހުމުގެ ކަންތައް ރަނގަޅަށް ކުރިއަށް ނުދާތީ އާއި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި ދެވަނަޑޯޒް ނުޖެހި އެތައް ހާސް ބަޔަކު ތިބިކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް 19 އާ ގުޅިގެން ބަލިމީހުންނަށް ފަރުވާ ދިނުމަށް އިތުރު ވަސީލަތްތައް ގާއިމު ކުރުމަށާއި، އިތުރަށް ބޭނުންވާ އިންސާނީ އިތުރު ވަސީލަތްތައް ހޯދައިދީ އަދި އީޖާބީ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ފިޔަވަޅުތައް އަޅައި ކޮވިޑް 19 މެނޭޖު ކުރުމާއި ވެކްސިން ޖެހުމުގެ ކަންކަން މިހާރަށްވުރެން ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތަކަކަށް އިންތިޒާމު ކުރުމަށާއި މިކަންތައް އަވަސް ކުރުމަށް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފިއެވެ.

ޝަރީފް މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މަޖިލީހަށް ބަލައިގަނެ ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެރެއިން އެމައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ.

މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ބޭނުން ވަނީ 16 ވޯޓެވެ.