އިނގިރޭސި ލީގުގައި ކުޅެމުންދާ އެންމެ ވަރުގަދަ އެއް ފޯވަޑް، ހެރީ ކޭންގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ފަސް ވަރަކަށް ސީޒަންގައިވެސް ޕްރިމިއާ ލީގުގައި މެދުކެނޑުމެއް ނެތި ގިނަ ގޯލުތަކެއް ޖަހަމުން އަންނަ ކޭން، ޓޮޓެންހަމް ދޫކޮށްލަން ކްލަބުގެ ބޯޑުގެ ކިބައިން އެދުނު ކަމަށް މީޑިއާގައި ވަނީ އަޑުގަދަވެފައެވެ. އެ ހަބަރާއެކު ޔޫރަޕްގެ ބޮޑެތި ހުރިހާ ކްލަބަކުން ކަހަލަ ގޮތަކަށް ކޭން ހޯދުމަށް މަސައްކަތް ފަށާފައިވާ އިރު، އޭގެ ތެރެއިން އެއް ކްލަބަކީ ސިޓީ ކަމަށް ގިނަ ނޫސްވެރިން ވަނީ ބުނެފައެވެ. އެގޮތުން ސިޓީއަކީ ޓޮޓެންހަމްއިން ކިޔާ އަގު ދެވޭނެ، ކޭން ބޭނުންވާ ތަށި ހޯދޭނެ ޓީމެއް ކަމަށްވެސް ގިނަ ނޫސްތަކުން ބުނެފައިވެއެވެ.

ލީގުގައި ރޭ ސިޓީން ބްރައިޓަންއާ ދެކޮޅަށް ކުޅެ، 3-2 އިން ބަލިވެފައިވާ އިރު، އެޓީމަށް މެޗުގައި ކުރިމަތިވި އެންމެ އުނދަގޫ ކަމަކަށްވީ ޖާއޯ ކާންސެލޯއަށް ދެއްކި ރަތް ކާޑެވެ. ސިޓީން 2-0 އިން ލީޑު ނަގާފައި އޮއްވައި، ބްރައިޓަންއިން މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ތިން ގޯލު ޖަހަައިގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކޭންގެ ޓްރާންސްފާއާ ގުޅިގެން މިވަގުތު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށާއި، ކޭންއަކީ ޓޮޓެންހަމްގެ ކުޅުންތެރިއެއް ކަމަށެވެ.

ކޭންގެ ޓްރާންސްފާއިން ގާޑިއޯލާ "ރެކިގަތް" ނަމަވެސް ކުރިއަށް އޮތް ޓްރާންސްފާ ސީޒަންގައި ސިޓީއަށް ފޯވަޑެއް ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ، ސާޖިއޯ އަގުއޭރޯ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ އިރު، ގިނަ ބަޔަކު ބުނެފައިވަނީ އަގުއޭރޯ ނެތްތަން ފޫބައްދަން ސިޓީން ގެންދަން ގަސްދުކުރަނީ ޑޯޓުމަންޑްގެ އާލިން ހާލަންޑް ނޫނީ ކޭންއެވެ.

މިސީޒަންގެ ލީގު ޗެމްޕިއަންކަން ސިޓީން މިހާރު ޔަގީން ކޮށްފައިވާ އިރު، ސިޓީއަށް އަދި މިމަހުގެ 29 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ފައިނަލުވެސް އެބައޮތެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.