ހެރީ ކޭންގެ ތަފާތު ފޯމާއެކު ބަޔާން މިއުނިކުން މިފަހަރުގެ ލީގުގައި ކުޅުނު ހަވަނަ މެޗުގައި ރޭ ފްރޭންކްފާޓް ބަލިކޮށްފިއެވެ.

ބަޔާނުން މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންވެސް އެޓީމު މޮޅުވެފައިވާ އިރު، އެޓީމަށް ވަނީ ހަމެޗުން 18 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން ރޭ ކުޅުނު މެޗުގައި އާރްބީ ލެއިޕްޒިގާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 15 ވަނަ ސިކުންތުގައި ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލް ޖަހައިދިނީ ލުއިސް ޑިއާޒެވެ. އެ ގޯލާއެކު ބަޔާން ލީޑު ނަގާފައިވާ އިރު، ކޭން ވަނީ 27 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާވެސް ކޮށްފައެވެ. އޭގެފަހުން ދެވަނަ ހާފުގައި ކޭންގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި ކުޅުނު 10 މެޗުގައި ކޭން ވަނީ 18 ގޯލް ޖަހައިފައެވެ.

އުމުރުން 32 އަހަރުގެ ކޭން ބަޔާނަށް 100 ގޯލް ހަމަކޮށްފައިވާ އިރު، އޭނާއަކީ މިދިޔަ 100 އަހަރު ތެރޭގައިވެސް ކްލަބަކަށް އެންމެ އަވަހަށް 100 ގޯލް ހަމަކުރި ފޯވަޑެވެ. ކޭން ބަޔާނަށް 100 ގޯލް ހަމަކުރީ 104 މެޗުންނެވެ.

މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ހަމެޗުގައި ކޭން ވަނީ 11 ގޯލް ޖަހައިދީފައެވެ.