އަލުން އަނބުރާ ޕްރިމިއާ ލީގަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ބަޔާން މިއުނިކަށް ކުޅެމުންދާ އިންގްލެންޑްގެ ފޯވަޑް ހެރީ ކޭން ބުނެފިއެވެ.

އިންގްލެންޑްގެ ކެޕްޓަން ކޭން 2023 ވަނަ އަހަރު ބަޔާނަށް ބަދަލުވީ އިނގިރޭސި ލީގުގެ ޓޮޓެންހަމްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. ކޭންގެ ސީނިއާ ކެރިއަރު ފެށި ޓޮޓެންހަމްގައި ހޭދަކުރި ދުވަސްތަކުގައި ރެކޯޑު 213 ގޯލު ޖަހާފައިވާ އިރު، އޭނާއަކީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ކޭންއަށްވުރެ އިތުރަށް ޕްރިމިއާ ލީގުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ އެލެން ޝިއެރާއެވެ. ޝިއެރާ ވަނީ ކޭންއަށްވުރެ 47 ގޯލު އިތުރަށް ޖަހައިފައެވެ.

އުމުރުން 32 އަހަރުގެ ކޭން އެނބުރި ޕްރިމިއާ ލީގަށް ދާން އުޅޭ ކަމަށް ވާހަކަދެކެވެމުން ދަނީ އޭނާގެ އެއްބަސްވުމުގައިވާ 67 މިލިއަން ޔޫރޯގެ ރިލީސް ފީއެއް ހިމަނާފައިވާ ކަމަށް ނޫސްތައް ބުނެފައިވާތީއެވެ. އޭގެ އިތުރުން މިހާރު ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކް ވެސް ވަނީ ކޭންއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ބުނެފައެވެ.

"އަހަރެން މިހާރު ހުރި ހާލަތުން އެންމެ ބޮޑަށް ހީވަނީ ބަޔާންގެ އެއްބަސްވުން އިތުރުކުރާ ކަމަށް. އެހެންވިޔަސް އަދި ބަޔާނާއެކު އެ ވާހަކަތައް ރަސްމީކޮށް ނުދައްކަން. އެހެންވިޔަސް މިހާރު ބަޔާނުން އެ ވާހަކަ ދައްކަން ބޭނުންވިޔަސް، އަހަރެން ތައްޔާރު. އެއީ މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލައިގެން،" ޓްރާންސްފާ ވާހަކަތަކާ ގުޅިގެން ކޭން ބުންޏެވެ.

ކޭން ބުނީ މިހާރު ބަޔާންގައި ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށާއި، އިތުރު އެއްވެސް ކްލަބަކަށް މިވަގުތު ނުވިސްނާ ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ފުރަަތަމަ ޓޮޓެންހަމްއަށް ދިޔަ ދުވަސްކޮޅު އެނބުރި އަންނާނެތޯ އެހިނަމަ، އޭރު ބުނާނީ އާނއެކޭ ނަމަވެސް، މިހާރު އެ ހިޔާލަކީ މާ ދުރު ހިޔާލެއް ކަމަށެވެ.

ކޭން މިހާތަނަށް ބަޔާނަށް ކުޅުނު 106 މެޗުން 103 ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއި ޖަރުމަނު ލީގާއި ޖަރުމަނު ކަޕްވެސް ކާމިޔާބު ކޮށްފައެވެ.