ރާއްޖޭގެ ގައުމީ ޓީމުގެ ތަރި އަލީ އަޝްފާގު (ދަގަނޑޭ)ގެ ކޮވިޑް 19 ޓެސްޓު ނެގެޓިވްވެ، މާދަން ސްކޮޑުގެ ކުޅުންތެރިންނާއެކު ކޭމްޕާ ގުޅެން ނިންމައިފިއެވެ.

ދަގަނޑޭގެ ސާމްޕަލް ނެގެޓިވް ވެފައިވާކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ "ވަން" އަށް ޔަގީންކޮށްދެއްވައިފައެވެ. އަދި ދަގަނޑޭ ވެސް ވަނީ އެކަން "ވަން" އަށް ކަށަވަރުކޮށްދީފައެވެ.

ޖަވާ މިރޭ ވިދާޅުވީ ދަގަނޑޭ ޓީމުގެ ކޭމްޕާ މާދަމާ ގުޅޭނެ ކަމަށެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ގައުމީ ޓީމާއެކު ކޮލިފައިން މެޗުތަކަށް ދާން ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕް ކުރި ނަމަވެސް، އޭނާ ކޭމްޕް ދޫކޮށް ދިޔައީ އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަންހެނުން ކޮވިޑަށް ޕޮޒިޓިވްވުމާއެކު ދަގަނޑޭ ކޭމްޕް ދޫކޮށް އައިސޮލޭޝަނަށް ގޮސްފައިވާ އިރު، ކުރިންވެސް އޮތީ ނަތީޖާ ނެގެޓިވްވުމާއެކު އަލުން ޓީމާ ގުޅޭ ގޮތަށެވެ.

ގައުމީ ޓީމުން ޗައިނާއަށް ފުރުމުގެ ކުރިން ހުރިހާ ކުޅުންތެރިން ޕީސީއާރު ޓެސްޓު ހަދާ އިރު، ޓީމު ފުރާނެ ކަމަށް ބެލެވެނީ ބުރާސްފަތި ނުވަތަ ހުކުރު ދުވަހުއެވެ. ކުރިން ބުދަ ދުވަހު ފުރާ ގޮތަށް އޮތް ނަމަވެސް ދަތުރުފަތުރަށް އައި ބަދަލަކާއެކު ޓީމުގެ ފުރުން ވަނީ ލަސްވެފައެވެ.

އޭޝިއަން ކަޕްގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބާކީ އޮތް މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، މެޗުތައް ޗައިނާގައި އޮންނާނީ މިމަހު 30 އިން އަންނަ މަހު 15 ވަނަ ދުވަހާ ހަމައަށެވެ.

ޓީމުގެ ކަންކަން ކުރިއަށް ގެންދަން ދަތިތައް ހުރުމާއެކު ކޯޗު މާޓިން ކޫޕްމަން ވަނީ އެކަމުގެ ކަންބޮޑުވުންތައްވެސް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ކޫޕްމަން އިންޓާގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑުގެ ހާލަތަކީ ކުޅުންތެރިންނަށް އުނދަގޫ ހާލަތެއް ކަމަށާއި މި ހާލަތުގައި ފިޓްނަސް ރަނގަޅުކޮށް، ޓީމުގެ ކަންކަން އެންމެ ރަނގަޅަށް ނުގެންދެވޭތީ ކަންބޮޑުވާ ކަމަށެވެ. އެހެންނަމަވެސް އުނދަގޫ ހާލަތުގައި އެފްއޭއެމްއިން އިންތިޒާމުތައް ރަނގަޅު ކުރުމަށް ކުރާ ބުރަ މަސައްކަތްވެސް ކޫޕްމަން ވަނީ ފާހަގަކޮށްފައެވެ.