މާތް ﷲ ސުބުހާނަހޫ ވަތައާލާއަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންގެ މަސައްކަތް ހުއްޓުވޭ ގޮތަށް ސަރުކާރަށް މަސައްކަތް ނުކުރެވޭ ނަމަ، ހަރުކަށި ފިކުރު ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަކުރަން ގޮވާލާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، ރާއްޖޭގައި އެވަގުތަކު އޮންނަ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުން، އެކަކު އަނެކަކާ ދެމެދު ނަފުރަތު އުފައްދަން މަސައްކަތް ކުރާކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުުގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީން ހަރަކާތްތައް ހިންގިއިރު، މައުމޫނަށް އުނދަގޫ ކުރުމަށް ޓަކައި، 2006 ވަނަ އަހަރު އއ. ހިމަންދޫގައި، ހިންގި ހަރުކަށި ފިކުރުގެ ހަރަކާތަށް ތާއީދު ކުރި ބަޔަކު ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ވަކިން ޖަމާއަތް ހަދައިގެން އެދުވަސްވަރު ނަމާދުކުރަމުންދިޔަ ބަޔަކަށް، ހިތްވަރު ދިނުމަށް ސްޕީކަރުތަކާއި މެގަފޯނުތައް ދިން ބަޔަކު ތިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ހިންގި ހަރަކާތްތަކުގައި މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، މީހުންނަށް ހަޖޫ ޖަހައި މީހުންގެ އަބުރު ނަގާލަން ކުރި މަސައްކަތްތަކުން އެމްޑީޕީއަށް ބޯދަމައިގަނެވެން ނޯންނާނެ ކަމަށެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސްވެސް އެ ފަދަ ގޮތަށް ހަރަކާތްތައް ބަހައްޓައި ކުރަމުން ގެންދިޔައީ މުޒާހަރާ ކަމަށްވެސް ތޯރިގު ފާހަގަ ކުރެއްވިއެވެ.