އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި، ހުސެއިން ފިޔާޒު މޫސާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ ކޮމިޝަނަރުކަމުގެ މަގާމަށް، ބޭފުޅަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާހެއް ނުވިއެވެ.
ޝިހާމް މުހައްމަދު ވަހީދު ދަފްތަރު 5143، އާއި އަހުމަދު އާހިދު ރަޝީދު ހ. ގުރުވަ ގެ އިތުރުން މަރިޔަމް އަލީމު ގ. ދާސްތާން، މި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ތިން ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ހުސްވި އޭޕްރީލް މަހުގެ 26 ގައެވެ.
އެކަމާ ގުޅިގެން އެ ތިން ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުގެ ރައީސް މުހައްމދު ނަޝީދު އެނަންތައް ފޮނުއްވިއެވެ.
އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، އެ ތިން ބޭފުޅުންނާ އިންޓައިވު ކުރުމަށްފަހު، ވޯޓަށް އެހުމުން އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އެ މަގާކަށް އައަޔަންކުރަން ރުހުން ދިނުމަށް ކޮމެޓީން ފާހެއް ނުވިއެވެ.
ކޮމިޓީން އެގޮތަށް ނިންމުމުން އެ މައްސަލަ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ.
އެއަށްފަހު އެ މަގާމަށް އައްޔަން ކުރަން އިތުރު ބައެއްގެ ނަން ފޮނުވުމަށް ރައީސުލްޖުމްހޫރއިްޔާއަށް ދެންނެވުމަށް މަޖިލީހުން ފާސްކުރާނެއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ