ހަރުކަށި ފިކުރު ފަތުރައި މީހުންގެ ލޭ ހުއްދަކުރަން ގޮވާލާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖީލަށް މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު މީކާއީލް ވިދާޅުވީ، ފަހަކަށް އައިސް މީސް މީޑިއާގަ އާއި ތަފާތު އެކި އޮންލައިން ޕްލެޓްފޯމް ތަކުގައި ވަކި ފަރުދުންނާމެމެދު ހަރުކަށި ފިކުރުގެ ތެރެއިން ނަފްރަތު އުފައްދައި އެމީހުންގެ ލޭ ހުއްދަ ކަމަށް ގޮވާލަމުންދާ ކަމަށެވެ. އޭގެ އިތުރުން އެއީ އިސްލާމުން ނޫންކަމަށް ބުނެ ތަފާތު ލޭބަލްތައް އެފަދަ މީހުންގެ ބޮލުގައި އަޅުވާކަން ފާހަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ކާކުކަން އެނގޭ ފަރުދެއް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ދެއްކެވި ވާހަކައަކާ ގުޅިގެން އެ މެންބަރަށް ނިސްބަތްކޮށް އޭނާއަކީ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ ވަރަށް ފާޅުގައި ފޭސްބުކް ސްޓޭޓާސްއެއް ޝާއިއު ކޮށްފައިވާ ކަމަށާއި އަދި މިމަހު ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބަހުސް ކުރަމުން ދަނިކޮށް މަޖިލިސް ގޮއްވާލަންޖެހޭ ކަމަށް މީހަކު ގޮވާލާފައިވާކަން ފާހަގަކުރެއްވިއެވެ.
މީކާއީލް ވިދާޅުވީ، ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފައްދައި ހަރުކަށި ފިކުރު ފަތުރައި ލޭ އޮހިރުވުމަށް ގޮވާލުން މިހާރު އާންމު ވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ބަލައިގަނެ ވަނީ ބަހުސް ކުރިއަށް ގެންގޮސްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް