ކުޑަ ތިން ކުދީންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި، ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު، ދޫކޮށްލި ގުރުއާން ޓީޗަރު، ނ.ލަންދޫ އަސްރަފީގެ އަލީ ޒިޔާދު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ކުށުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު، ހުސްވި އޭޕްރީލަމުގެ ފަސް ވަނަ ދުވަހު، އެ އަމުރު ބާތިލުކޮށް ޝަރުތު ތަކަކާއެކު އޭނާ ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ނަމަވެސް އޭނާ ބަންދުން ދޫކޮށްލަން ކުރި އަމުރު ބާތިލު ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އަލީ ޒިޔާދު ހިންގި ކަމަށް ބުނާ އަމަލުގެ ސަބަބުން ގާނޫނުއަސާސީގެ 35ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިދީފައިވާ ތިން ކުއްޖަކަށް އަނިޔާ ލިބިފައިވާކަން އެނގޭ ކަމަށެވެ. އަދި އެ ހާދިސާތަކަށް ބަލާއިރު އެ ތިން ކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކުދިންނަށް ގުރުއާން ކިޔަވައިދިނުމުގެ ނަމުގައި ކުދިންގެ އިތުބާރު ހޯދައިގެން ކަން އެނގެން އޮންނަ ކަމަށާއި، އެފަދަ މީހެއްގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ނުވާނެ ކަމަށް ބެލެވޭނެ ބުއްދި ގަބޫލުކުރާ އަސާސެއް ކްރިމިނަލް ކޯޓުގެ އަމުރުން އެނގެން ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.
މި މައްސަލަ ހައިކޯޓުން ބަލައި، ކުރި ހުކުމްގައި ބުނެފައި ވަނީ، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އަލީ ޒިޔާދު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އެ ގޮތުގައި، އޮތް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ނިމުމަކަށް ގެނެސް ޝަރުތު ތަކަކާއެކު އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު، މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ބާތިލު ކުރާ ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު