ކޮވިޑުގެ ސަބަބުން ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހޭ މާބަނޑު މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ކޮވިޑް ޖެހިގެން އެނދުމަތިކުރާ މާބަނޑު މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހުމަކީ މާބަނޑު މީހާއަށާއި ރަހިމުގައި އޮންނަ ތުއްތު ކުއްޖާއަށްވެސް އެތައް ގޮތަކުން އެކަމުގެ ގެއްލުން ކުރާނެ ކަމެއް ކަމަށެވެ.
"އެގޮތުން ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު އެބަ އިތުރުވޭ ކޮވިޑުގެ ސަބަބުން،" ޑރ. ފައިސަލް ވިދާޅުވިއެވެ.
ކޮވިޑުގެ ސަބަބުން ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު 1.4 އިންސައްތަ އިތުރުވާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، މާބަނޑު މީހުންނަށް މިހާރު ފައިޒާ ވެކްސިން ޖެހޭނެ ކަމަށާއި އެހެންކަމުން ވީހާވެސް ގިނަ މާބަނޑު މީހުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު