ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކައުންސިލްތަކުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލްތަކަށް އިންތިހާބުވި މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިހާބުވި މެންބަރުން މިއަދު މަގާމުގެ ހުވާކުރެއްވުމާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލެވިފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލްތަކުގެ އެންމެ ހާއްސަ އިސްކަމެއް ދޭންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭންއާ އެއްގޮތަށް އަދި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ޒިންމާ ބޮޑުކަން ފާހަގަކުރައްވައި ރައީސް ވަނީ، މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19 ކޮންޓްރޯލް ކުރުމުގައިވެސް ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރައީސް ވަނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވުން މުހިންމު ކަމަށް ވިދާޅުވިއެވެ.
"މި ބަލި ފެތުރެމުން ދިއުމުގެ ސަބަބުން، މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އަރައި ފޭބުން އޮތީ މަނާކޮށްފައި. އަޅުގަނޑަށް އެނގޭ ރަށެއް ފުރަބަންދުކޮށްލުމުން، އެ ރަށެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ އުނދަގުލާއި ދަތިތައް. އެހެން ނަމަވެސް، މި އުނދަގޫ ދަތި ހާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެން. މިއީ، މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލަރުންގެ އެންމެ ބޮޑު ޒިންމާއަކީ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، އެ ކައުންސިލަރުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީކޮށްދިނުން ކަމަށެވެ.
އަތޮޅުތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކުލަވާލައިފައިވާ ޓާސްކް ފޯސްތަކުގައި އެންމެ މުހިންމު ޒިންމާއެއް އަދާކުރަނީ ކައުންސިލްތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު