ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގު ކުރަމުން އަންނަ އިރު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހަ ކަމެއްގެ މައްޗަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
އެ ކަންތައްތަކަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އިން ހުށަހަޅާފައިވާ ކަންތައްތަކެކެވެ.
އެ ކޮމިޓީން މަޖިލީހަށް ހުށަހަޅައި ފާސްކުރި ހަ ކަމުގެ ތެރޭގައި ޓެރަރިޒަމްގެ އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުުރުމަށް ފުލުހުންނަށް ދެންނެވުމެވެ.
މީގެ އިތުރުން ހަރުކަށި ފިކުރާ ގުޅޭ އެންމެހާ މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭ ގޮތަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.
އިތުރު ކަންކަމުގެ ތެރޭގައި އެމައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މައްސަލައަށް ބޭނުންވާ ހެކި ހޯދުމާއި މައްސަލައިގެ ތަހުގީގު ކުރިޔަށްދާ އިރު ކަމާގުޅުން ހުރި ބޭރުގެ ފަންނީ އަދި ގާބިލު ބޭފުޅުންގެ އެހީތެރިކަން ހޯދައިގެން ތަހުގީގު ކުރިއަށް ގެންދިއުން ހިމެނެއެވެ.
މީގެ އިތުރުން ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭ އެންމެހާ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާ ކުރުމަށާއި މި މައްސަލަ ތަހުގީގު ކުރަމުންދާ އިރު ކޮމިޓީން އެކަން ގާތުން ބަލަމުން ދިޔުމަށްވެސް ވަނީ ނިންމައިފައެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މީގެ ކުރިން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ކަމުގައި ކޮމިޓީގެ މެމްބަރުންނާއެކު މަޝްވަރާ ކުރުމަށްފަހު، ގާނޫނާއި ގަވާއިދުތައް ތަން ދޭ އެންމެ ފުޅާ ދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު