ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގައި އިސާހިތަކު މެންބަރުންނާއެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ގޮތުން މިއަދު ބޭއްވި މަޖިލިސް ޖަލްސާއަށް ފޮނުއްވި މެސެޖެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު، ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މަޖިލީހުގެ މެންބަރުންނަށް މެސެޖެއް ރައްދު ކުރައްވާފައިވާ ކަމަށެވެ.
މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ސީރިއަސް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހާރު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.
އެގައުމުގައި ހުންނަވައި މަޖިލިސް މެންބަރުންނަށް ފޮނުއްވި މެސެޖު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.
ނިއުޝާ މަޖިލީހަށް އިއްވެވި، މަޖިލިސް ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށިގެން ދާާއިރު ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ އަޅުގަނޑުގެ ފުރާނަ ދުއްވައިލުމުގެ ނިޔަތުގައި ނުރައްކާތެރި، ހަމަލާއެއް އަޅުގަނޑަށް ދެވިފައި ވަނިކޮށް މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް މަޖިލީހުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހުރިހާ މެންބަރުން މަސައްކަތް ކުރައްވާނެ ކަމާމެދު ޝައްކެއް ނުކުރަން،" މަޖިލިސް ރައީސްގެ މެސެޖުގައި ވެއެވެ.
އެ މެސެޖުގައި މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، ގައުމުގެ މަސްލަހަތު އިސްކުރައްވައި ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަ އާއި މަންފާއަށް މަސައްކަތް ކޮށްދެއްވާނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
"މަޖިލީހުގެ މަސައްކަތްތަކުގައި އިސާހިތަކު ތިޔަ މެންބަރުންނާއެކު ބައިވެރިވާނަން، ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު ބައްދަލު ކުރާނަން، މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް އަޅުގަނޑު މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމި ހުންނާނަން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް