ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ ހިޔާ މަޝްރޫއުގެ ފްލެތްތަކުގެ، މަހަކަށް ދައްކަން ޖެހޭ ކުލީގެ އަދަދު 5600 އަށްވުރެ ބޮޑު ނުކުރުމަށް މިއަދު ހުވައި ކުރެއްވި މާލޭގެ އާ މޭޔަރު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. މުއިއްޒު އެކަމަށް އިލްތިމާސް ކުރައްވާފައި ވަނީ، މޭޔަރުކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ބޭއްވި އާ ކައުންސިލުގެ ފުރަތަމަ ބައްދަލުުވުމުގައި ވާހަކަދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތަކަށް މިހާރު ރައްޔިތުންނަށް ހަރަދު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައި އޮތް ގޮތުން ވެފައިވާ ގޮތެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކައުންސިލުން މި ގޮވާލަނީ ރައްޔިތުންގެ އަތުން ދާ ހަރަދުގެ އެވްރެޖެއް ޖައްސަވައި ރައްޔިތުންގެ އަތުން އެދާ ހަރަދަކީ، އެ ރައްިޔިތުންނަށް ލިބޭ ފްލެޓުން އުނިވެގެންް ދާ ގޮތަށް ހައްދަވައިދެއްވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

ހުރިހާވެސް އެއްޗަކީ މާލީ ފައިދާ ކަމުގައި ނުހެއްދެވުމަށް ގޮވާލައްވަމުން މުއިއްޒު އިތުރަށް ވިދާޅުވީ، ރައްޔިތުންނަަށް ހިތްހަމަޖެހުމެއް ހޯދައިދިނުމުން ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެނި އެ ހިނިތުން ވުމަކީވެސް ސަރުކާރަށް ލިބޭ ފައިދާއެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ.

"ހަމަ އެއާއެކީގައި ހިޔާ ފްލެޓުގެ މަހަކަށް ޖެހޭ މިންވަރު 5600 ރުފިޔާއަށްވުރެ ބޮޑު ނުކުރުމަށް ގޮވާލަން، އެއީ މިހާރުވެސް ރައީސް އޮފީހުގައި ހުރި ލިޔެ ކިޔުންތަކުން އެނގޭނެ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވައި، ހިސާބު ޖައްސަވާފައި އޮތް ކަމެއް. ރައްޔިތުން އަތުން މިހާރު ކުރަން ޖެހޭ ފިނިޝިން ހަރަދު ހިމަނައިގެން ފައިނޭޝަލް ކޮސްޓް ހިމެނީމަވެސް އެޗްޑީސީއަށް ގެއްލުން ނުވެ މަހަކު 5600 ރުފިޔާ ރައްޔިތުން އަތުން ނެގުމުން ފައިދާ ވެގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.