މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރުން ފަސްކޮށްފިއެވެ.

މާލޭ ސިޓީގެ ހަތަރުވަނަ ދައުރުގެ މޭޔަރާއި، ކައުންސެލަރުން މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި މާލޭ ސިޓީގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ، ޑެޕިއުޓީ މޭޔަރު ހޮވުން ލަސްކުރައްވާފައިވާ ވާހަކަ އިއުލާން ކުރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޑެޕިއުޓީ މޭޔަރު ހޮވުން ލަސްކުރީ ލޯކަލް ގަވާމަންޓް އޮތޯރިޓީ، (އެލްޖީއޭ)އިން އެގޮތަށް އިރުޝާދު ދީފައިވާތީ ކަމަށެވެ.

ޑެޕިއުޓީ މޭޔަރަކީ ސިއްރު ވޯޓަކުން ހޮވަން ޖެހޭ މީހަކަށް ވެފައި، ބައެއް ކައުންސިލަރުން އެކި ތަންތަނުގައި ކަރަންޓީނުގައި ތިއްބެވުމުން ހުރިހާ ކައުންސެލަރުން އެއް ހާޒިރެއްގައި ތިބެވޭ ބައްދަލުވުމެއްގައި އެކަން ކުރިއަށް ގެންދިއުމަށް އެކަން ފަސްކުރެއްވީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކޮވިޑުގެ ހާލަތާ ގުޅިގެން އަޅުގަނޑުމެންގެ ބައެއް ކައުންސެލަރުން މިވަގުތު ތިއްބެވީ، އެކި ތަންތަނުގައި ކަރަންޓީނުގައި، އެހެންވީމަ ހުރިހާ ބޭފުޅުންނަށް ބައިވެރި ވެވޭ ފުރަތަމަ ބައްދަލުވުމުގައި އެކަން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައި ވާތީ ޑެޕިއުޓީ މޭޔަރު ހޮވުން ވަނީ ލަސްކުރެވިފައި،" ޑރ. މުއިއްޒު ވިދާޅުވިއެވެ.