ޖަމާލުއްދީން ސްކޫލް ކުރިން ހުރި ބިމުގައި މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލަން އެ ކައުންސިލަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އަންގައިފިއެވެ.
އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަންގައި މިނިސްޓްރީން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ވަނީ، އެ ބިމަށް ކައުންސިލަށް ހުއްދަ ދިނީ، އެތަން ހުސްކޮށް އޮތުމުގެ ސަބަބުން އެ ބިމުގައި ނޭދެވޭ އަމަލުތައް ކުރަމުންދާ ފަރާތްތައް ގިނަވުމާއި، އެ ބިމަށް ކުނި އަޅަމުންދާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ވަށާފާރު ތިރިކޮށް ގޯތި ސާފުކޮށް ބެލެހެއްޓުމުގެ ހުއްދައަށް ކައުންސިލުން އެދިގެން ސެޕްޓެމްބަރު 2024 ގައި ކަމަށެވެ.
އެއްވެސް އިރެއްގައި އެއީ ކައުންސިލުގެ ބޭނުމަށް ހަވާލުކޮށްފައިވާ ބިމެއް ނޫން ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އެ ބިމުގައި ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.
މިނިސްޓްރީން ބުނީ އެއީ އަންޑާ ގްރައުންޑް ޕާކިން ފެސިލިޓީއަކާ އެކު ހިތް ފަސޭހަ މައިޒާނެއް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ބިމެއް ކަމަށެވެ.
އެ ބިމުގައި ސައިކަލުތަކަށް ހާއްސަކޮށް އަންޑާ ގްރައުންޑް ޕާކިން ފެސިލިޓީއަކާއި ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ޕާކެއް އަދި ޖެނަރަލް ޕްރެކްޓިޝަނާ (ޖީޕީ) ކްލިނިކެއް ތަރައްގީކުރަން ނިންމިކަން ފެބްރުއަރީ 2024 ގައި ރައީސް އޮފީހުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، އެ ބޭނުމާ އެއްގޮތަށް އެ ބިން ތަރައްގީކުރުމާ ގުޅޭގޮތުން ކުރިއަށް ގެންދަންޖެހޭ ކަންކަން އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެގައިވެއެވެ.
އެެހެންވެ އެ ބިމުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސިޓީގައި ވަނީ އަންގައިފައެވެ. އަދި މީގެ ކުރިން ވެސް އެ ތަނުގައި ކައުންސިލުން މަސައްކަތްތަކެއް ކޮށްފައިވާތީ، އެއީ ކޮން މަސައްކަތްތަކެއްތޯ ސާފުކޮށްދޭން އޭރުގެ ޕްލޭނިން މިނިސްޓްރީން އެދުމުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް ސިޓީގައިވެއެވެ.
ޖަމާލުއްދީން ސްކޫލު ހިންގުމަށްފަހު، އެތަނުގައިހުރި އިމާރާތް ބޭނުން ކުރީ އިލެކްޝަން ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން ކުރީގެ ސަރުކާރުގައި އެ ބިމުން އެއްބައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ދިނެވެ. އަދި އަނެއްބައި ދިނީ ޖަމާލުއްދީން ސްކޫލުގެ ޖާގަ އިތުރު ކުރުމަށެވެ.
ނަމަވެސް، މި ސަރުކާރުން ނިންމީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށީގައި އަރަބިއްޔާގެ އާ އިމާރާތް އެޅުމަށެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
ކޮމެންޓް