ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 100 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނަކު ފަތިހު 4:41 ގައި ވަނީ މަރުވެފައެވެ. މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 100 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 27 މީހަކު ވަނީ މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހީންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 100 މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.