ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 12:14 ގައި މަރުވެފައިވާ ކަމަށެވެ. މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 99 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑު ބަލީގައި އެއް މަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ މިމަހުއެވެ. މިމަހުގެ މިހާތަނަށް މި ބަލީގައި 26 މީހަކު ވަނީ މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ ދިވެހީންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑު ބަލީގައި މިވަނީ ފަސް މީހަކު މަރުވެފައެވެ. އޭގެ ތެރޭގައި 30 އަހަރުގެ އަންހެނަކު ވެސް ހިމެނެއެވެ. އޭނާއަކީ ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި އެންމެ ޒުވާން މީހާއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 99 މީހުންގެ ތެރޭގައި ހިމެނެނީ 88 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.