ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ދިހަ އަހަރުން ދަށުގެ 1،663 ކުއްޖަކު ހިމެނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި 15،958 މީހަކު އެބަތިބި ކަމަށެވެ.
"އޭގެ ތެރޭގައި ދިހަ އަހަރުން ދަށުގެ 1،663 ކުދިން އެބަތިބި. 18 އަހަރުން ދަށުގެ 1449 ކުދިން އެބަތިބި،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެކްޓިވް ކޭސްތަކުގެ ތެރޭގައި 18 އަހަރާއި 39 އަހަރާ ދެމެދުގެ 7،495 މީހުން އެބަ ތިބި ކަމަށާއި 40 އަހަރާއި 59 އަހަރާ ދެމެދުގެ 3،185 މީހުން އެބަތިބި ކަމަށެވެ. އަދި 60 އަހަރުން މަތީގެ 927 މީހަކުވެސް އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"އުމުރުފުރާ ކަށަވަރު ނުވާ 284 މީހުން އެބަތިބި. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުން ހިމެނޭ،" މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 44،523 މީހަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު