ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު 446 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 446 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 28،459 އަށް އަރާފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ 741 މީހެކެވެ. އެއީ މާލެ ސަރަހައްދުން 560 މީހަކާއި އަތޮޅުތެރެއިން 156 މީހެއް އަދި ރިސޯޓުތަކުން 25 މީހެކެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އަދަދުތައް އުޅުނީ 1000 އިން މަތީގައެވެ.

ރާއްޖޭގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 15،958 މީހެކެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 262 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 97 މީހަކު ވަނީ މަރުވެފައެވެ. އެއީ 86 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.