ދ. މާއެނބޫދޫން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވުމުން، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ކޭސްއަކާ ގުޅިގެން މާއެނބޫދޫ މިއަދު މެންދުރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށްވެސް ބުންޏެވެ.
މާއެނބޫދޫ ހެލްތު ސެންޓަރުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު، ނަޝީދާ އަބްދުލްއަޒީޒް "ވަން" އަށް ވިދާޅުވީ، އެރަށުން މިދިޔަ ހުކުރު ދުވަހު ނެގި 17 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މާއެނބޫދޫން ސާމްޕަލް ނަގާފައިވަނީ ދ. ކުޑަހުވަދުއަށް ދިޔަ މީހުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެއެވެ. އެމީހުންގެ ސާމްޕަލްތައް ނަގާފައިވަނީ ކުޑަހުވަދޫގައި މިހާރު ކޮވިޑް ފެތުރެމުންދާތީއެވެ. މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުޑަހުވަދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
މާއެނބޫދޫން ޕޮޒިޓިވްވީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ނަޝީދާ ވިދާޅުވިއެވެ. އެ ކުއްޖާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.