ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެމީހުންގެ ތެރެއިން ތިން މީހަކަށް 15 ދުވަސް އަދި ހަތަރު މީހަކަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އެ ހަތް މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.