މިދިޔަ އީދު ދުވަހުވެސް އޭނާގެ ހަށިގަނޑުގައި ކުޑަ ހުމެއް ހުއްޓެވެ. ނަމަވެސް ހިތްވަރާއެކު ތެދުވެ, ކުޑަ އާއިލާއަށް އީދަށް ކައްކައި ކާން ހަދައި ގޭތެރޭގެ ކަންކަމުގައި މަސްއޫލުވެ އުޅުނެވެ. އެހެން އުޅެނިކޮށް ކުއްލިއަކަށް ހުން ގަދަވީ އެރެއެވެ.

މިއީ ރޭ ފަތިހު ކުއްލި ގޮތަކަށް މަރުވި ދަފްތަރު ނަންބަރު 6256/ އާއިޝަތު މިޒުނާ, 30ގެ ހާލު ގޯސްވި ގޮތް އޭނާގެ ފިރިމީހާ މުހައްމަދު ސުހެއިލް "ވަން" އާ ހިއްސާ ކުރި ގޮތެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިޒުނާ މަރުވީ ރޭ ފަތިހު 4:30ގައެވެ. އޭނާއަކީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި އެންމެ ޒުވާން މީހާއެވެ.

ސުހެއިލް ބުނި ގޮތުގައި, އޭނާގެ އަންހެނުން ހުން ގަދަވެގެން އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ކޮވިޑަށް ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވިއެވެ. އޭގެ ފަހުން ހުރިހައި ކަމެއްވެސް ބަދަލުވެގެން ވެގެން ދިޔައީ ދާދި އަވަހަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހާލަތު އެއްކޮށް ބަދަލުވި އެވެ. ވަގުތުން އޮކްސިޖަން ގުޅައިގެން ގެން ދިޔައީ ހުޅުމާލޭގައި ހުންނަ ކޮވިޑު ފެސިލިޓީއަށެވެ. އޭގެ ފަހުން ސުހެއިލަކަށް މިޒުނާއެއް ނުފެނެއެވެ.

ސުހައިލް ބުނި ގޮތުން ނަމަ އަންހެނުން މިޒުނާއަކީ ހަށިގަނޑު ބިޔަކޮށް ހުންނަ މީހެއް ނަމަވެސް ދާއިމީ ބައްޔަކަށް ބޭސް ކާ މީހެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ހަކުރު ހުރެއެވެ. އެކަމަކު އެކަމަށް ވެސް ބޭހެއް ބޭނުމެއް ނުކުރެއެވެ.

"ފެސިލިޓީއަށް ގެންދިޔަ ފަހުން ދިމައެއް ނުވޭ. އެކަމަކު ރޭ ދަންވަރު 1:30ގަ ވެސް ފެސިލިޓީގައި އޮވެގެން ގުޅި. ހަމަ ބަރާބަރަށް ވާހަކަވެސް ދެއްކި. އޭގެ ފަހުން ޑޮކްޓަރު ގުޅާފަ ބުނީ ހަކުރު މައްޗޭ. ދެން ބުނީ މަރުވެއްޖޭ," ސުހެއިލް ބުންޏެވެ.

ކޮވިޑުގައި މިޒުނާ ދުނިޔެ ދޫކޮށް ދިޔައިރު, އޭނާގެ ދެ އަންހެން ކުދިން އެބަ ތިއްބެވެ. އެއީ އުމުރުން 11 އަހަރުގެ ކުއްޖަކާއި ހަ އަހަރުގެ ކުއްޖެކެވެ. މިޒުނާ ކޮވިޑަށް ޕޮޒިޓިވް ވި ދުވަހު ނޫން އޭގެ އަނެއް ދުވަހު އެ ކުދިންވެސް ވަނީ ޑޮކްޓަރަށް ދައްކައި ކޮވިޑަށް ޓެސްޓު ކޮށްފައެވެ. ނަތީޖާ ލިބުނީ ޕޮޒިޓިވް ކަމަށެވެ. ފިރިމީހާ ސުހެއިލް އަދި ކޮވިޑަށް ޓެސްޓެއް ނުކުރެއެވެ.

"ވައިފްއަކީ ކޮންމެހެން ދާން ޖެހިގެން ނޫނީ ގެއިން ބޭރަށް ވެސް ނުކުންނަ މީހެއް ނޫން. އިންނާނީވެސް ގޭގަ. ކޮވިޑް ޖެހުނު ގޮތެއް ބުނާކަށް ނޭނގެ," ދަރިންނާއެކު މި ވަގުތު ކަރަންޓީނުގައި ހުރި ސުހެއިލް ބުންޏެވެ.

މިޒުނާގެ މަރަކީ ޒުވާނުންނަށް ލިބުނު ހައިރާން ކަމެކެވެ. އިންޒާރެކެވެ. މި މަރުން އަންގައި ދިނީ ބައްޔަށް ވަކި އުމުރެއް ނެތް ކަމެވެ. ދާއިމީ ބައްޔެއް ނެތަސް, މިބަލީގައި ބޮޑުވަރުވެދާނެ ކަމެވެ. ޒުވާނެއް އުމުރުން ދުވަސްވީ މީހެއް އިސްތިސްނާ ވުމެއް ނެތެވެ. އޮތީ ބައްޔަށް ރައްކާތެރިވެގެން އުޅުމެވެ. ފަރުދީ ޒިންމާ ނެގުމެވެ. ތިމާއާއި މުޖުތަމައު އަދި އަމިއްލަ އާއިލާގެ ރައްކާތެރިކަން ވެސް އޮތީ އެގޮތުގަ އެވެ.