ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ދެ ހަފުތާއަށް ދަމަހައްޓަން ނިންމައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރުގައި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ބަންދު ކުރުމާއި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށްވެސް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ވަނީ ކާފިއު ހިންގަން ފަށައިފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ހަވީރު 04:00 އިން ފެށިގެން ފަތިހު 04:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.
ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ވަނީ ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު