ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަވަހާރަކޮށްލަން ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވައި އޮއްވައި ރައީސް ނަޝީދަށް ހަމަލާ ދިނުމަކީ މިނިސްޓަރު ކަމުގެ މަގާމުން މާރިޔާ އަހުމަދު ދީދީ ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށާއި ނަމަވެސް އެކަން ފުލުހަށް އެންގުމަށް އަންގަވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީަށް އިން ހަމަލާއާ ބެހޭގޮތުން އިލިޔާސް ލަބީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު އާންމު ރައްޔިތެއްގެ ފަރާތުން ލިބިވަޑައިގަތުމާ ގުޅިގެން ވަގުތުން އެ މައުލޫމާތު ރައީސް ނަޝީދަށް ހިއްސާކުރައްވާފައި ވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީ ކަމަށް ވާތީ، އެ މުއައްސަސާއާ އެ މައުލޫމާތު ހިއްސާކުރުމުން އެ މައުލޫމާތު ފުލުހުންނަށް ނުވަތަ ކޮމިޝަނަރު އޮފް ޕޮލިސް އަށް ހިއްސާކުރުމަށް މާރިއާ އަންގަވާފައި ނުވާ ކަމަށްވެސް އިލިޔާސް ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން އުމަރު ނަސީރު އޭނަގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، މައުލޫމާތު ލިބި އެކަމަށް ފިޔަވަޅު ނޭޅި އޮއްވައި ހަމަލާ ދިނުމަކީ މިނިސްޓަރު މާރިޔާގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އެ ފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވައި އެކަމަނާއަށް ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މައުލޫމާތު މަޖިލިސް ގެ މެންބަރަކު މިނިސްޓަރު މާރިޔާ އަށް ފޯރުކޮށްދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރު މާރިޔާގެ ގާނޫނީ ޒިންމާ އެއް،" އުމަރު ވިދާޅުވިއެވެ.