މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއާ ގުޅިގެން މާލެ އާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެކިއުރިޓީގެ ކަންކަން ވަރުގަދަކޮށް، ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ނުރައްކަލެއް އޮތް ކަމަށް ބެލެވޭތީތޯ އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. އެ ހަމަލާއަށްފަހު އެމްއެމްޑީއެފުން އަންނަނީ ހަތިޔާރާއެކު މާލޭގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ހަމަަލާއާ ގުޅިގެން އެމްއެންޑީއެފް ސެކިއުރިޓީ ލެވެލް ވަނީ އެންމެ މަތިކޮށްފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައިވަނީ ސައިކަލެއްގައި ހަރުކޮށް ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ޒަހަމަވެގެން ވެއްޓުމުން، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ސެކިއުރިޓީންނެވެ.
މި ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
އެމަނިކުފާނުގެ އޮޕަރޭޝަންތައް ކޮށް، ފުރާނަ ސަލާމަތްކުރުމަށް 16 ގަޑިއިރު ހޭދަ ވެފައިވެއެވެ. އޮޕަރޭޝަންތައް ކޮށް، މިއަދާ ހަމަޔަށް ވެސް އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭގެ އައިސީޔޫގައެވެ.
އިތުރު ފަރުވާއަށް ރައީސް ނަޝީދު މިއަދު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ. އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ މިއަދު ހެނދުނު 11:00ގައެވެ. ފުރާވަޑައިގެންނެވީ އެމަނިކުފާނު ގެންދިއުމަށް ހާއްސަ ކޮށްފައި އޮތް ޕްރައިވެޓް ޖެޓެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު