ހުޅުމާލޭގައި މިއަދު ބޭއްވި ސައިކަލް ބުރެއް ފުލުހުން ހުއްޓުވައިފިއެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި ސައިކަލް ބުރަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް، ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ސައިކަލް ބުރެކެވެ. ސައިކަލް ބުރު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ، އެކަން ހުއްޓުވައިފައެވެ.
ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ ހިލާފަށް ގިނަ ބަޔަކު އެއްތަނަކަށް އެއްވެ، ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތެއް މިއަދު ހުއްޓުވާފައިވާނެ ކަމަށެވެ.
ފުލުހުން ބުނީ ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް އެޅެން ހުރި އެންމެހާ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދޭ ކަމަށްވެސް ބުންޏެވެ.
ރަމަޟާންމަހުގެ 27 ވިލޭރޭ މަސްޖިދުލްއަގްސާގައި ނަމާދު ކުރަން ތިބި ބަޔަކަށާއި ފަލަސްތީނުގެ ބިންތަކުން ނުހައްގުން މުސްލިމުން ނެރުމާ ދެކޮޅަށް މަސްޖިދުލްއަގްސާގައި އަޑު އުފުލަމުން ދިޔަ 90،000 އަށްވުރެ ގިނަ މުސްލިމުންނަށް އަމާޒުކޮށް އިޒްރޭލުގެ ސިފައިން އެ މިސްކިތަށް ވަދެ ހަމަލާތައް ވަނީ ދީފައެވެ.
ފުލުހުން ސައިކަލް ބުރެއް ރޫޅާލާފައިވާ އިރު، މިއަދު ހެނދުނު ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ޖަރުމަނުވިލާތަށް ފުރާވަޑައިގަންނަވާތީ، އޭޑީކޭ ހޮސްޕިޓަލް ސަރަހައްދަށް ވަނީ އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައެވެ. އަދި އެމީހުން ތިބީ އެއްވެސް ގައިދުރުކަމެއްނެތި، ބޮނޑިވެގެންނެވެ. ނަމަވެސް އެމީހުން އެ ސަރަހައްދުން ފޮނުވާލަން ފުލުހުން އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު