ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ބައްޔާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، ކޮވިޑާ ދެކޮޅަށް މީގެ ކުރިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް ލުއިތަކާއެކު ފަރުވާކުޑަކޮށްލެވުމުގެ ސަބަބުން އަނެއްކާވެސް ކޭސްތައް އިތުރުވެފައިވާ ކަމަށެވެ.
"މިހާރުގެ ހާލަތަށް ބަލާއިރު މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެންނަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ ހިސާބަށް ހާލަތު ގޮސްދާނެ. މި ބައްޔަށް މިހާރު މީހުން ފައްސިވާ މިންވަރަށް ބަލާއިރު އިތުރު ފިޔަވަޅުތައް އަޅަން މިވަނީ ޖެހިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮވިޑާ ދެކޮޅަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ.
"މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއް. އެފަދަ ފިޔަވަޅުތައް އަޅައިފިނަމަ މިހާރަށް ވުރެ ގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް މަސްދުވަހު އެންމެން އެކުގައި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގެއް ފެނިގެންދާނެ ކަމަށެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ފާއިތުވި ހަތަރު ދުވަހުވެސް ރާއްޖެއިން 1،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއާއެކު މާލެ ސަރަހައްދުގައި މިހާރު ވަނީ 12 ގަޑިއިރުގެ ކާފިއުއެއް ހިންގަން ފަށައި މިސްކިތްތަކުގައި ޖަމާއަތް ހެދުމާއި ކެފޭ ރެސްޓޯރެންޓުތަކުގެ އިންޑައިނިންގެ ހިދުމަތް ހުއްޓާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު