ޚަބަރު

ރަޝިޔާގެ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފި

ކޮވިޑާ ދެކޮޅަށް ރަޝިޔާ އިން އުފެއްދި ސްޕުޓްނިކް-ވީ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރަޝިޔާގެ ސްޕުޓްނިކް ވީ ވެކްސިނަށް މިއަދުން ފެށިގެން ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެ ހުއްދަ ދީފައި ވަނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، އިމަޖެންސީގައި ބޭނުން ކުރުމަށް ކަމަށާއި އަދި އުމުރުން 18 އަހަރުން މަތީ މީހުންނަަށް ދިނުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބޭނުންކުރުމުގެ ހުއްދަ ދިން ހަތަރު ވަނަ ވެކްސިނެވެ. މިވަގުތު އިންޑިއާގެ ކޮވިޝިލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް އަދި ފައިޒާ ވެކްސިން ރާއްޖޭގައި އަންނަނީ ބޭނުން ކުރަމުންނެވެ.

އެމްއެފްޑީއޭ އިން ބުނީ، ރަޝިޔާގެ ވެކްސިނަށް ހުއްދަ ދީފައިވާނީ، އެކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާ ދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއެކުގައި ކަމަށެވެ.

ސްޕުޓްނިކް ވީ އުފައްދަނީ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ "ދި ގަމާލޭޔާ ނޭޝަނަލް ސެންޓާ އޮފް އެޕިޑާމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ. އަދި މި ވެކްސިނަކީ 66 ގައުމެއްގައި މިހާރުވެސް އެމަޖެންސީގެ ބޭނުމަށް ހުއްދަ ލިބި، ބޭނުންކުރަމުން އަންނަ ވެކްސިނެކެވެ.

އެމްއެފްޑީއޭ އިން ބުނީ، މި ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ކަމަށެވެ. އެހެންކަމުން އެ ވެކްސިނަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހު އާއި އަދި އެހިފާގެންގުޅުމުގެ ހުރިހާ މައުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްފައިވާ ކަމަށް ބުންޏެވެ.