ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ފިޔަވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުރިހާ ދަރިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އެސްޓް ރިކަވަރީ ކޮމިޝަނުން ހެދި ލިސްޓުން ދައްކައިފިއެވެ.
މި ލިސްޓުގެ ބައިތައް ވަނީ މިރޭގެ އިރާކޮޅު ލީކު ވެފަ އެވެ.
އެސްޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާ ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނަށް ވަނީ ބޮޑު ހިޔާނާތުގެ ފައިސާ ލިބިފައެވެ.
އެގޮތުން ފާރިޝްގެ ކެމްޕެއިނަށް ހަތަރު މިލިއަން ރުފިޔާ ދީފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ކަމަށެވެ. ފުރަތަމަ ދެ މިލިއަން ރުފިޔާ ދީފައިވަނީ އަތަށް ކަމަށާއި ފަހުން ދެ މިލިއަން ރުފިޔާ ޣައްސާން މެދުވެރިކޮށް ހަވާލުކޮށްފައިވާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ލިސްޓުގައި ވެއެވެ.
ޣައްސާނަށް އެކި ފަހަރު މަތިން ދެ މިލިއަން ފަސް ލައްކަ ރުފިޔާ ދީފައިވާ ކަމަށާއި ޣައްސާންއާ އެކީ އުޅޭ "ލޯންގޭ" އަތަށް ފަސް ލައްކަ ދިން ކަމަށާއި "ލޯންގޭ"އާ ހަވާލުކޮށްގެން ދިން ފައިސާ ޣައްސާނަށް ލިބިފައިވާ ކަމަށް ބުނެ، ޣައްސާން "އޮއިއްޓޭ" އަށް މެސެޖް ކުރި ކަމަށް ވެސް މި ލިސްޓުގައި ވެއެވެ.
ލިސްޓުގައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުންޔާ ދިރިއުޅޭ ގެ ކައިރިން ދެ ލައްކަ ރުފިޔާ ދިން ކަމަށް މުހައްމަދު ހުސެއިން ބުނެފައިވާ ކަމަށެވެ.
ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.