މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައި ލިބިވަޑައިގަތް ޒަހަމްތަކާ ގުޅިގެން ކުރެއްވި އޮޕަރޭޝަންތަކަށް ފަހު ރިކަވާ ވަމުން އަންނަ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު 'ވަން' އަށް މިރޭ ވިދާޅުވީ، އޮޕަރޭޝަންތަކަށް ފަހު ރިކަވާ ވަމުން އަންނަ ސްޕީޑާއި ދޭތެރޭ ހިތް ހަމަ ޖެހޭ ކަމަށާއި، މިހާރު އަމިއްލަފުޅަށް ތެދުވެވަޑައިގެންނެވޭ ވަރުވެސް ވެއްޖެ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު އައިއިރު ގޮނޑީގައި ވެސް ވީލްޗެއާގައި ވެސް އިށީންދެ ހެދޭ. ދެން ވަރަށް ރަނގަޅަށް އިމްޕްރޫވްމެންޓް ވެސް ފެނޭ،" ނާޝިދު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ތައްޔާރުވަމުން އަންނައިރު މާދަމާ ރާއްޖެ އަންނަ އެއާ އެމްބިއުލަންސް ފްލައިޓެއްގައި ޖެހިގެން އަންނަ ބުރާސްފަތި ދުވަހު ޖަރުމަނަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަ ކަން ނާޝިދު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް މިހާރު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން އެޕްރޫވަލް ލިބި ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކާއި މަޝްވަރާތަކުގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާކަން ނާޝިދު ފާހަގަކުރެއްވިއެވެ.
މިދިޔަ ބުރާސް ފަތި ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނިކުމެވަޑިގެން މަޖީދީ މަގުގައި ޕާކްކޮށްފައި އޮތް ކާރުކޮޅަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ.
އޭގެ ތެެރޭގައި ފުއްޕާމެއަށް ގެއްލުން ވެ އިތުރުން ގޮހޮރު ދެތަނަކުން ފޫ އެޅުމުގެ އިތުރުން، އެ ހަމަލާގައި ބުރައިގެންދިޔަ ރޭޒާފުއްތަކާއި، ދަގަނޑުކޮޅު ތަކާއި، ޕްލާސްޓިކުކޮޅުތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ފުންކޮށް ވަދެ، ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭޑީކޭގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން 16 ވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަންތަކެއްކޮށް ހުރިހާ ރޭޒާ ފުއްތަކެއް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުން ނަގާފަ އެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު