ކޮވިޑް ގައިޑް ލައިނާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، މާދަމާ އިން ފެށިގެން މާލޭ ސަރަހައްދުގެ ކެފޭ/ ރެސްޓޯރެންޓުތަކުގައި ތިބެގެން ކަސްމަރުންނަށް ހިދުމަތް ދިނުން ހުއްޓާލުމަށް އަންގާ ކަމަށެވެ.
ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި އަދި ގައިޑްލައިނާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް ބުންޏެވެ.
ހެލްތު އިމަޖެންސީ އޮޕަަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެޗްޕީއޭ އާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ މާސް އިސްޕެކްޝަންގެ ތެރެއިން 65 ގެސްޓްހައުސްއެއް ބެލި އިރު އޭގެ ތެރެއިން އެއްތަން ހުރީ މިންގަނޑާ ހިލާފަށް ކަމަށެވެ. އަދި އިންސްޕެކްޓް ކުރި ވިޔަފާރި ކުރާ 40 ތަނުގެ ތެރެއިން 15 ތަނެއް ހުރީ މިންގަނޑަށް ނުފެތޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
އެޗްޕީއޭއިން މީގެ ކުރިން އަމަލު ކުރާ ގޮތަކީ ގައިޑްލަައިނާ ހިލާފުވާ ވިޔަފާރިތަކަށް ނޯޓިސް ދިނުމަށް ފަހު އެތަންތަން ޖޫރިމަނާ ކުރުމެވެ. ވިޔަފާރި ބަންދު ކުރަނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންނެވެ.
ޚަބަރު
ޚަބަރު