އަބަދުވެސް ރައްޔިތުންނާއެކު ހުންނަވާނެ ކަމުގެ މެސެޖު ރައްޔިތުންނަށް ދެއްވުމަށް، އައިއީޑީ ގޮއްވާލައިގެން ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމް ތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާ ބައްދަލު ކުރެއްވުމަށްފަހު ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދާ ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު ލިބިވަޑައިގެންނެވި ކަމަށެވެ.

"ރައީސް ނަޝީދު ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ވެދުން ދެންނެވި، އަދި އަބަދުވެސް ތިޔަ ބޭފުޅުންނާއެކު ހުންނަވާނެ ކަމުގައި ދަންނަވަން ވިދާޅުވި،" ހަސަން ލަތީފު ވިދާޅުވިއެވެ.

މިދިޔަ ބުރާސް ފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އޭގެ ތެެރޭގައި ފުއްޕާމެއަށް ގެއްލުން ވުމުގެ އިތުރުން ގޮހޮރު ދެތަނަކުން ފޫ އެޅުމުގެ އިތުރުން، އެ ހަމަލާގައި ބުރައިގެންދިޔަ ރޭޒާފުއްތަކާއި، ދަގަނޑުކޮޅު ތަކާއި، ޕްލާސްޓިކުކޮޅުތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ފުންކޮށް ވަދެ، ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ރައީސް ނަޝީދުގެ އާއިލާއިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، އެމަނިކުފާނަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.