Close
ޚަބަރު

އުނި އިތުރު ނުގެނެސް ބޮޑު ހިޔާނާތުގެ ލިސްޓް އާންމު ކުރަން ޖެހޭ: ސައީދު

އަލީ އަފާފު ރަމީޒު

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓަށް އުނި އިތުރު ނުގެނެސް އާންމު ކުރަން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ސައީދު މިގޮތަށް ގޮވާލާފައިވާއިރު، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އޮތް 281 ނަމުގެ ތެރެއިން އެއްވެސް ފަރާތެއް އެ ތުހުމަތު ތަކުން ސަލާމަތް ވާނެތޯ އެސެޓް ރިކަވަރީ ކޮމިޝަނުގައި އަހާފައި އާންމު ކުރާނަމަ ކުރަން ރަނގަޅު ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ މިރޭ ވިދާޅުވެފައެވެ.

ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުނިއިތުރު ނުގެނެސް، އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓް އާންމު ކުރަން ޖެހޭ ކަމަށެވެ. ބޭނުން ނަމެއް އިތުރުކޮށް، އުނިކޮށް ހެދުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"މޮޑޭ ފުށްގަނޑެއްހެން އެމްއެމްޕީއާރްސީގެ ވައްކަން ނުހައްދަވާ. މަޖިލިސް ވިޔަސް ސަރުކާރު ވިޔަސް އިސްތިސްނާ ވާކަށް ނުޖެހޭ. އެއީ ސިޔާސީ ޕާޓީއެއްގެ ހައްގެއް ނޫން،" ސައީދު ވިދާޅުވިއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.

ރޭ ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ ހިޔާނާތުގެ އެ ލިސްޓު އާންމު ވާނެ ކަމަށާއި އެހެންކަމުން މިހާރު އޮތް ލިސްޓުގައި އެއްވެސް ހިސާބެއްގައި ތުހުމަތަކުން ސަލާމަތް ވެވޭނެ މީހެއްގެ ނަމެއް އޮތްތޯ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދުން މުހިންމު ކަމަށެވެ.

ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުއްވާފައި ވަނީ މިވަގުތު ތަހުގީގު ހިނގަމުންދާ ފަރާތްތަކުގެ ލިސްޓެއް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް އާންމު ކުރުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންނާއި އިދިކޮޅު ބައެއް މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުންވެސް އަންނަނީ ގޮވާލަމުންނެވެ.