ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއެކު މާލެ ތެރޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު، އެމްއެންޑީއެފުން އަންނަނީ ހަތިޔާރާއެކު މާލެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އެމްއެންޑީއެފުން މިރޭ ވަނީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ފުލުހުންނާ ގުޅިގެން އެތަން ބަލައި ފާސްކޮށް، ކްލިއާކޮށްފައެވެ. އަދި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން މިރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު (25) އެވެ. އޭގެ ތެރެއިން އަދުހަމް އަހުމަދަކީ ރިމޯޓަކުން އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ މީހާއެވެ.